ކުޅިވަރު

ތަޖުރިބާ ހޯދައިދޭން ޗައިނާގެ ޓީޓީ ޓީމެއް ރާއްޖެ ގެނެސްފި


ރާއްޖޭގެ ޤައުމީ ޓީޓީ ކުޅުންތެރިންނަށް އިތުރު ތަޖުރިބާއާއި، މެޗު ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ހޯދައިދޭން ޗައިނާގެ ހަނާން ޕްރޮވިންސްގެ ޓީޓީ ޓީމެއް ރާއްޖެ ގެނެސްފިއެވެ. ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ދައުވަތަކަށް ރޭ ރާއްޖެ އައި މިޓީމްގައި ތިން ކުޅުންތެރިންނާއި ކޯޗަކާއި، އޮފިޝަލެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ދެ ކުޅުންތެރިންނާއި، އަންހެން ކުޅުންތެރިއެކެވެ. އެކުޅުންތެރިން ރާއްޖޭގެ ކުޅުންތެރިންނާއެކު ޖޮއިންޓް ޕްރެކްޓިސްތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން މެޗުތަކެއްވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއީލް ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށާއި، ވޯރލްޑް ޓީޓީ ޗެމްޕިއަންޝިޕަށްވެސް އެކަމުގެ ފައިދާ ކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. " ކުރިއަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށާއި، ވަރލްޑް ޓީޓީ ޗެމްޕިއަންޝިޕަށްވެސް ތަޖުރިބާތަކެއް ލިބޭނެކަމުގެ އުއްމީދުގައި އެޓީމް މިގެނައީ. އެކުޅުންތެރިން ރާއްޖޭގެ ކުޅުންތެރިންނާއެކު ޖޮއިންޓް ޕްރެކްޓިސްތަކެއްކޮށް، މެޗުތަކެއްވެސް ކުޅޭނެ. " ދާދިފަހުން ޖެނެރަލް ސެކެޓްރީކަމާއި ހަވާލުވި ސުޖާއު ވިދާޅުވިއެވެ.ޗައިނީޒް ޓީޓީ ޓީމް މިމަހުގެ 24 އާއި ހަމައަށް ރާއްޖޭގައި ތިބޭނެއެވެ. މީގެއިތުރުން ރާއްޖޭގެ ޓީމަށް ޗައިނާ ކޯޗެއްވެސް މިއަދު  އަންނާނެކަމަށް ސުޖާއު ވިދާޅުވިއެވެ. ކޯޗު އަންނަނީ ސައުތް އޭޝިއަން ގޭމްސްގެ އިތުރުން ވަރލްޑް ޓީޓީ ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ޓީމާއެކު މަސައްކަތްކުރަންކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ.