ކުޅިވަރު

ޕްރިމިއާ ލީގަށް ބޯންމަތު ޕްރޮމޯޓުވެއްޖެ


އިނގިރޭސި ޗެމްޕިއަންޝިޕުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުން އިނގިރޭސި ޕްރިމިއާ ލީގަށް އޭއެފްސީ ބޯންމަތު ޕްރޮމޯޓުވެއްޖެއެވެ.

ބޯންމަތު ޕްރިމިއަރ ލީގަށް ޕްރޮމޯޓްވީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ރޭ ކުޅުނު މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިސީޒަންގައި މިހާތަނަށް ބޯންމަތު 45 މެޗް ކުޅެފައިވާއިރު، އެ ޓީމަށް ވަނީ 85 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގާއުޅޭ ނޮޓިންގހަމް ފޮރެސްޓަށް ލިބިފައިވަނީ 79 ޕޮއިންޓެވެ. އެހެންކަމުން ނޮޓިންގހަމްއަށް ދެން ބޯތުމޯތަށްވުރެ ކުރިއަށް އެރުމުގެ ފުރުސަތު މިވަނީ ބަންދުވެފައެވެ.

ބޯންމަތުގެ ދަނޑުގައި ރޭ ކުޅުނު މެޗްގައި ގިނައިރު ބޯޅާ ގެންގުޅެ ގިނަހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ބޯންމޯތަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޚިފަރ މޯއެވެ.

މި މޮޅާއެކު ބޯންމަތު ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވެގެން މިދިޔައީ ދެ ސީޒަނަށްފަހުއެވެ. ބޯންމަތުގެ މިހާރުގެ ކޯޗް ސްކޮޓް ޕާރކަރއަށް މިއީ ދެވަނަ ޕްރޮމޯޝަނެވެ. އޭނާ ވަނީ 2019-2020 ވަނަ ސީޒަންގައިގައި ފުލަމްވެސް ޕްރިމިއަރ ލީގަށް ޕްރޮމޯޓް ކޮށްދީފައެވެ. އަދި މިދިޔަ ސީޒަންގައި ފުލަމް ރެލިގޭޓް ވުމާއެކު އެޓީމުން އިސްތިއުފާ ދިނުމަށްފަހު ބޯންމޯތާއި ގުޅުނީއެވެ.

ބޯންމަތު ޕްރިމިއަރ ލީގަށް ޕްރޮމޮޓްވިއިރު ނޮޓިންގހަމްއަށް ޖެހިފައިވަނީ ޕްރިމިއަރ ލީގަށް ޕްރޮމޮޓްވުމަށް އޮތް ތިންވަނަ ޖާގަ ހޯދުމަށް ޕްލޭ އޮފް ކުޅޭށެވެ.