ޚަބަރު

ކުރުދީންނާ ދެކޮޅަށް ޢިރާޤުގެ އަސްކަރިއްޔާއިން ނުކުމެއްޖެ


ޢިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެން ޢިރާޤުގެ އަސްކަރިއްޔާއިންވަނީ އެ ޤައުމުގެ އުތުރުގެ ސިންޖާރުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ވައިބީއެސްސާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ވައިބީއެސްސަކީ ތުރުކީވިލާތުގައި ޙަރަކާތްތެރިވާ ޕީކޭކޭ ޖަމާޢަތާ ގުޅުން އޮންނަ ޖަމާޢަތެކެވެ. ވައިބީއެސް އެކުލެވިގެންވަނީ ކުރުދީންގެ އިތުރުން ޔަޒީދީންގެ މައްޗަށެވެ. ވައިބީއެސްސާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އެ ސަރަޙައްދު ދޫކޮށް 3،000އަށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ. އަދި ސިންޖާރުގައި ބަދަލުކުރަމުންދާ ޙަމަލާތައްވަނީ ކައިރި ސަރަޙައްދުތަކަށްވެސް ފެތުރިފައެވެ.

ޢިރާޤުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ވައިބީއެސްސާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް އަނބުރާ ޢިރާޤުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ބޭނުމުގައެވެ. އެ ގޮތުން އެ ސަރަޙައްދުތަކުގައި ވައިބީއެސްސުން އަމިއްލައަށް އަސްކަރީ މަޤާމުތައް ހަދައި ޢާއްމުންނަށް ދަތުރުފަތުރުކުރުމަށް ހުރަސްއަޅަމުންދާކަމަށްވެސް ޢިރާޤުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

ވައިބީއެސްގެ ބާރުގެ ދަށަށް ސިންދާރު ގެނެސްފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައި ޕީކޭކޭގެ އެހީތެރިކަމާއެކު އެ ސަރަޙައްދުން އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިން ބޭރުކުރުމަށްފަހުއެވެ. 2020ވަނަ އަހަރުގެ ތެރޭގައި ޢިރާޤުގެ ސަރުކާރާއި ވައިބީއެސްސުންވަނީ ގުޅިގެން ސިންދާރުގައި ވެރިކަންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ކާމިޔާބުކަމާއެކު އެ އެއްބަސްވުމަށް ޢަމަލުކުރެވިފައެއް ނުވެއެވެ.

1980ގެ އަހަރުތަކުން ފެށިގެން ތުރުކީވިލާތުން ދަނީ ޕީކޭކޭއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އަދި ޢިރާޤާއި ސޫރީޔާގައި ޙަރަކާތްތެރިވާ ޕީކޭކޭގެ ހަނގުރާމަވެރިންނާ ދެކޮޅަށްވެސް ތުރުކީވިލާތުންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެތައް ފަހަރަކު ޙަމަލާދީފައެވެ. ކުރުދީން ބޭނުންވަނީ ޢިރާޤާއި ސޫރިޔާއާއި ތުރުކީވިލާތާއި އީރާނު ގުޅޭ ސަރަޙައްދުގައި އެ ދަރިފަސްކޮޅުގެ އަމިއްލަ ދަޢުލަތެއް އުފެއްދުމަށެވެ.