މުނިފޫހިފިލުވުން

އެލެންގެ އެންމެ ފަހު ޝޯގެ މިމަހުގެ 26ގައި


މިދިޔަ އަހަރު މެދުތެރޭގައި ޓީޒާވެސް ދައްކާލާފައިވާ "ދަ އެލެން ޑީ ޖެނާސް" ގެ އެންމެ ފަހު ޝޯގެ ޝޫޓިން ނިންމާލައިފިއެވެ. މި ޝޯގެ ޝޫޓިންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. މި ޝޯ ދައްކާނީ މިމަހުގެ 26 ވަނަދުވަހުއެވެ.

ޝޯގެ ހޯސްޓް އެލެން މީގެކުރިން ބުނެފައިވަނީ އެންމެ ފަހު ސީޒަންގައިވެސް ފެންނާނީ ހަމަ ކުރީގެ ޝޯތަކުން ފެނިގެންދިޔަ ކޮންޓެންޓެވެ. މިގޮތުން ސެލިބްރިޓީންގެ އިންޓަރވިއުތަކާއި، މިޔުޒިކަލް ޕާރފޯމޭންސް، ޓޮޕިކަލް ސްޓޯރީޒް އަދި ހިއުމަން އިންޓްރެސްޓް ގެސްޓުންގެ ވާހަކަތައް މީގެ ކުރީގެ ސީޒަންގައިވަނީ ގެނެސްދީފައެވެ. މިދިޔަ އަހަރު ދައްކާލާފައިވާ ޓީޒާގައި ޓޭލާ ސްވިފްޓް، ޖޫލިއާ ރޮބާރޓްސް، ޖޯޖް ކްލޫނީ، މިޝައިލް އޮބާމާ އަދި ޖަސްޓިން ޓިމްބަލޭކް ފަދަ މަޝްހޫރު މީހުން ވަނީ ދައްކާލާފައެވެ.

މި ޝޯ އަކީ 2003 ވަނަ އަހަރުން ފެށިގެން ޓެލެ ޕިކްޗާރސްއިން ޕްރޮޑިއުސްކޮށް ގެނެސްދިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ޝޯ އެކެވެ.

3000 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދީފައިވާ މި ޝޯ ވަނީ 171 ޑޭޓައިމް އެމީ އެވޯޑާއި 61 އެމީ އެވޯޑް ހޯދާފައެވެ. އެމީ އެވޯޑްގެ ތެރޭގައި "ދަ އޮޕެރާ ވިންފެރީ ޝޯ" ވެސް ފަހަތަށް ޖައްސާލުމަށްފަހު އައުޓްސްޓޭންޑިން ޓޯކް ޝޯގެ އެވޯޑް 4 ފަހަރަށް، އައުޓް ސްޓޭންޑިން ޓޯކް ޝޯ އެންޓަރޓެއިންމަންޓްގެ އެވޯޑް 7 ފަހަރަށް އެލެންގެ ޝޯ ވަނީ ހޯދާފައެވެ.

ޝޯގެ 18 ވަނަ ސީޒަން ޕްރިމިއަރ ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކޮމެޑީ އާއި މިޔުޒިކް އަދި އެކި ކަހަލަ ފަންނާނުން ގެނެސްދޭ މި ޝޯގައި ބައިވެރިންނަށް ތަފާތު އިނާމުތައް ލިބޭ ކުޅިވަރުތައްވެސް ހުޅުވާލައެވެ.