މުނިފޫހިފިލުވުން

އެކްޝަން ފިލްމުތައް ދުރަށް ޖައްސާލައި ރޯހިތު ބަޔޯޕިކެއް ހަދަނީ


ކޮޕް ސީރީޒްގެ ފިލްމުތައް ހެދުމުގައި ބޮލީވުޑްގެ ނަމްބަރު ވަން ޑައިރެކްޓަރު ރޯހިތު ޝެޓީ ބަޔޯޕިކެއް އުފައްދަން ތައްޔާރުވެއްޖެއެވެ.
ރޯހިތު ގެނެސްދޭން މިއުޅޭ ބަޔޯޕިކަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނާ ރާކޭޝް މާރީއާގެ މައްޗަށް އުފައްދާ އެއްޗެކެވެ. ރިލަޔަންސް އެންޓާޓެއިންމެންޓާއި ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތު އެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި 36 އަހަރު މަސައްކަތްކޮށްފައިވާ ރާކޭޝް ވަނީ އިންޑިއާގައި ހިނގާފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްފައެވެ. ރޮހިތުގެ މި ނިންމުމާއި ގުޅިގެން ރާކޭޝް ބުނީ ރޯހިތު ކަހަލަ މޮޅު ޑައިރެކްޓަރަކާއިއެކު ކުރީގެ ހަދާންތައް އާކުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއްކަމުގައެވެ.

ކާމިޔާބު ޑައިރެކްޓަރު ރޯހިތު އެންމެ ފަހުން އިއުލާނުކުރީ އޭނާގެ ކޮޕް ޔުނިވާރސްއިން އެމެޒޯން އާ ގުޅިގެން ގެނެސްދޭ ކޮޕް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އެވެ. މި ސީރީޒްގެ ލީޑް ރޯލުން ފެންނާނީ ސިދާތު މަލޯތްރާއެވެ. އެންމެ ފަހުން ސިދާތު ފެނުނު "ޝޭރްޝާހް" ގައިވެސް އެނާ ކުޅެފައިވަނީ އިންޑިއާގެ ސިފައިންގެ މީހެއް ރޯލެވެ. ސިދާތްގެ އިތުރުން ވިވޭކް އޮބެރޯއީ އާއި ޝިލްޕާ ޝެޓީވެސް ވަނީ ދާދިފަހުން މިސީރީޒާއި ގުޅިފައެވެ.

މިއަހަރުގެ ޖުލައި މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ސާކަސް" އަކީ ރޯހިތުގެ ކުރިއަށް އޮތް ފިލްމެވެ. ބޫޝާން ކުމާރު ޕްރޮޑިއުސްކޮށް ރޯހިތު ޑައިރެކްޓުކުރާ މި ފިލްމުގައި ރަންވީރު ސިންގް، ޕޫޖާ ހެގްޅޭ އަދި ޖެކްލީން ފެނާންޑެޒްވެސް ފެނެއެވެ.
ރޯހިތުގެ ކާމިޔާބު ކޮޕް ފިލްމުތަކުގެ ތެރޭގައި "ސިންގަމް" ، "ސިމްބާ" އަދި "ސޫރަޔްވަންޝީ" ހިމެނެއެވެ.