އިންޑިޔާގައި ހޫނުގަދަވެގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.
އިންޑިޔާގެ ހުޅަނގުގައި އޮންނަ މަހާރާޝްތުރާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ހޫނުގަދަވެގެން މިދިޔަ މާރިޗު މަހުން ފެށިގެން އެ ސުޓޭޓުން 25 މީހުން މަރުވެފައިވާކަމަށެވެ. އެއީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ގަދަހޫނުގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވި ދުވަސްވަރެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިޔާގެ ގިނަ ސަރަޙައްދުތަކުގެ ހޫނުމިންވަނީ 40 ޑިގުރީއަށްވުރެ މައްޗަށް ގޮސްފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި އިންޑިޔާއާއި ޕާކިސްތާނުގެ ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންކަމަށެވެ. އަދި އޭގެ ސަބަބުން އެއް ބިލިޔަން މީހުން ތިބީ ވަރަށް ނާޒުކު އަދި ނުރައްކާތެރި ޙާލަތެއްގައިކަމަށެވެ. އެ ގޮތުން އެ ސަރަޙައްދުގެ ފިނިހޫނުމިން ތިރިވާނެކަމަށް ބެލެވެނީ ހަފުތާތަކެއް ފަހުންނެވެ.
ހޫނުގަދަވުމުގެ ސަބަބުން އިންޑިޔާގެ އިޤްތިޞާދީ މަސައްކަތްތަކަށްވެސްވަނީ ހުރަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. އިންޑިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގޮދަނުގެ ބާވަތްތައް އުފައްދާ ޤައުމެވެ. ނަމަވެސް ދަނޑުވެރިކަމުގެ ސިނާޢަތުގައި ފާއިތުވި ފަސް އަހަރު އިންޑިޔާއިން ހޯދި ކުރިއެރުންތައް މި އަހަރުގެ ތެރޭގައި ތަކުރާރުކުރެވޭނެކަމަކަށް ނުބެލެވެއެވެ. އޭގެ އިތުރުން ހޫނުގަދަވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އިންޑިޔާގެ ބޯޓުދެލި ބޭނުންކުރާ މިންވަރު އިތުރުވެ ކުރިޔަށް އޮތް ދުވަސްތަކަށް ބޭނުންވާ މިންވަރަށް ބޯޓުދެލި ނުލިބިދާނެކަމަށްވަނީ ބެލެވިފައެވެ. އެއާއެކު އިންޑިޔާގެ ސަރުކާރުންވަނީ އެ ޤައުމަށް ބޯޓުދެލި އެތެރެކުރިން އިތުރުކުރުމަށް ގޮވާލައިފައެވެ.