ޚަބަރު

އެއްވެސް ދަޢުވާއެއްނުކޮށް ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބައެއް


އެއްވެސް ދަޢުވާނުކޮށް ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބައެއް ބަންދުކޮށްފައިވާކަމަށް އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތަކުން ބުނެފިއެވެ.

އިސްރާއީލުގައި މަރުކަޒުވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތަކުން ބުނެފައިވާ ގޮތުގައި އެއްވެސް ދަޢުވާނުކޮށް އަދި ޝަރީޢަތަކައި ނުލައި ފަލަސްޠީނުގެ 604 މީހުން ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާކަމަށެވެ. 2016ވަނަ އަހަރުގެ ފަހުން އެ ގޮތަށް ބަންދުކޮށްފައިވާ މީހުންގެ އެފަދަ ޢަދަދަކަށް އިތުރުވެފައެއް ނުވެއެވެ. އަދި އެ މީހުން ބަންދުކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ ޖަލުތަކެއްގައި ސިއްރު ހެކީންގެ މައްޗައްކަމަށާއި އެ މީހުންނަށް ކުރެވުނީ ކޮން ކުށެއްކަންވެސް ބުނެދީފައިނުވާކަމަށް އެ ޖަމާޢަތުން ފާހަގަކޮށްފައިވެއެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ކޮންމެ ހަ މަހަކުން އައުކުރާކަމަށާއި އެހެން ގޮސް އެ މީހުންގެ ބަންދުގެ މުއްދަތު އެތައް އަހަރުތަކަކަށް ދިގުލައިގެންދާކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ޔަހޫދީންގެ އަސްކަރީ ކޯޓުތަކުންވަނީ ފަލަސްޠީނުގެ 2,441 މީހުން ޖަލަށްލުމަށް ޙުކުމުކޮށްފައެވެ. އަދި ތަޙުޤީޤަކުރުމަށާއި ސުވާލުކުރުމަށާއި ކޯޓަށް ޙާޒިރުކުރުމަށާއި ޝަރީޢަތް ނިމެންދެން ފަލަސްޠީނުގެ އިތުރު 1,478 މީހުން ބަންދުކޮށްފައިވެއެވެ. ޔަހޫދީންގެ ބަންދުގައި 32 އަންހެނުންނާއި 160 ކުޑަކުދިން އެބަތިއްބެވެ. އަދި 20 އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 499އަށް އަރައެވެ. އޭގެ އިތުރުން 549 މީހުންގެ މައްޗަށްވަނީ ޢުމުރުދުވަހުގެ ޖަލު ޙުކުމު އިއްވައިފައެވެ.

އިސްރާއީލުގެވާ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތުން ބުނެފައިވާ ގޮތުގައި ޔަހޫދީންނާ ދެކޮޅަށް ޙަމަލާދިން ނަމަވެސް ފަލަސްޠީނުގެ އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެއްވެސް ދަޢުވާއެއް ނުކޮށް އެއްވެސް ޝަރީޢަތަކައި ނުލައި އެހެން ޙައްޔަރުކޮށްގެންނެއް ނުގެންގުޅެވޭނެއެވެ. އަދި ޔަހޫދީންގެ އަސްކަރީ ކޯޓުތަކުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޤައިރުޙާޒިރުގައި ޙުކުމުކުރުން ޢާއްމު ކަމަކަށްވެފައިވާކަމަށްވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ. އޭގެ އިތުރުން ޖަލުތަކުގައި ދެމުންދާ އަނިޔާއާއި ބޭސްފަރުވާއިން މަޙުރޫމުކުރުމާއި އެކަހެރިކޮށް ބަންދުކޮށްފައިވާ މައްސަލަތައްވެސް އެ ޖަމާޢަތުން ފާހަގަކޮށްފައިވެއެވެ.