ކުޅިވަރު

ސެމީ ފައިނަލުގެ ފުރަތަމަ މެޗުތައް ސަންސް އާއި މައޭމީ ހީޓުން ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގެ ކޮންފަރެންސް ސެމީފައިނަލްގައި ފީނިކްސް ސަންސް އާއި މައޭމީ ހީޓް ކުޅުނު ފުރަތަމަ މެޗް އެދެޓީމް ކާމިޔާބުކޮށްފިއެވެ.

ސަންސް ފުރަތަމަ މެޗް ކާމިޔާބުކުރީ ވެސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި ހަތަރު ވަނަ ޓީމް ކަމަށްވާ ޑެލަސް މެވްރިކްސް އާއި ކުޅެކާމިޔާބުކޮށްގެންނެވެ. މިމެޗް ސަންސް ކާމިޔާބުކުރީ 121 ޕޮއިންޓް 114 ޕޮއިންޓުންނެވެ. ދެޓިމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 8 އެސިސްޓް ދިން ޑެވިން ބޫކަރއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 45 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އަނެއްކާވެސް ސަންސްގެ ކޯޓުގައެވެ.

އީސްޓަރން ކޮންފަރެންސްގެ ސެމިފައިނަލްގައި ހީޓްއިން އެޓީމްގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ހަތަރުވަނަ ޓީމް ކާމަށްވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ބައްދަލުކުރިމެޗް 106 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗްގައި ހީޓްގެ ބޭމް އަޑެބަޔޯވަނީ 24 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ސިކްސަރސްގެ ޓޯބިއަސް ހެރިސްވަނީ 27 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 1 އެސިސްޓް ކޮށްފައެވެ. މިދެތީމްގެ މެދުގައި ކޫޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ މެޗެކޭ އެއްގޮތަށް މައޭމީގައި މާދަމާ ރެއެވެ.