ކުޅިވަރު

މިއީ ފެށުމެއް، ޒުވާން ޓީމްގެ ކާމިޔާބު ރަނގަޅު - ކޯޗު


ސެމީފައިނަލްގައި ނޭޕާލް އަތުން ބަލިވެ ބަންގްބަންދު ގޯލްޑްކަޕުން ރާއްޖޭ ކެޓުމަކީ ނިމުމެއް ނޫންކަމަށާއި، މިއީ ފެށުމެއްކަމަށް ޤައުމީ ކޯޗު ރިކީ ހާބަޓް ބުނެފިއެވެ. އޭނާ ބުނީ ނޭޕާލް މެޗު ފިޔަވައި އެހެން މެޗުތަކުގައި ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި، ޒުވާން ޓީމަކަށް ބަލާއިރު މިއީ ކާމިޔާބީއެއްކަމަށެވެ. ނޭޕާލް އަތުން ބަލިވި މެޗަކީ ބަންގްބަންދް ގޯލްޑްކަޕްގައި ރާއްޖޭގެ ފަރާތުން އެންމެދަށް ކުޅުން ފެނުނު މެޗުކަމަށް ޤައުމީ ކޯޗް ރިކީ ހާބަޓް ބުންޏެވެ. ބަންގްބަންދު ގޯލްޑްކަޕް ފުޓްބޯޅަ މުބާރަތުގެ ސެމީފައިނަލް މެޗްގައި ނޭޕާލް އަތުން ހަތަރެއް އަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރިކީ ހާބަޓް ބުނީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. ޒުވާން ޓީމަކާ ބަލާއިރު މިއީ ވަރަށް ރަނގަޅު ކާމިޔާބީއެއްކަމަށާއި، ކޮންމެ މެޗަކީ އެއް ފެންވަރެއްގައި ކުޅެވޭނެ މެޗެއް ނޫންކަމަށް ރިކީ ހާބަޓް ބުންޏެވެ. ގޯލްޑްކަޕަށް ޒުވާން ޓީމެއް ގެނެސް އެކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާއި،މިކުޅުންތެރިންނަކީ ރާއްޖޭގެ މުސްތަޤްބަލްކަމަށް ކޯޗު ބުންޏެވެ. "މިރޭގެ މެޗްގައި ނޭޕާލް ކުޅުނީ ވަރަށް ވަރުގަދަކޮށް. ހާއްސަކޮށް ސީނިއަރ ގިނަކުޅުންތެރިންނާއެކު އެޓީމް ވަރަށް ވަރުގަދަ. މެޗްގައި އަހަރެމެންނަށް އެބަހުރި މިސްޓޭކްތަކެއް ހެދިފަ. އަދި ފަހަތުންވެސް މިސްޓޭކްތަކެއް ހެދި. ޒުވާން ޓީމަކަށްވެފަ، މިފަދަ މުބާރާތެއްގެ ސެމީއާ ހަމައަށް ދަތުރުކުރެވުމަކީވެސް މިޓީމަށް ލިބުނު ކުރި އެރުމެއް. އަދި މިފަދަ މެޗުތަކުން ޒުވާން ކުޅުންތެރިންނަށް އިތުރު ފިލާވަޅެއް ލިބިގެންދާނެ." ސެމީފައިނަލް މެޗަށްފަހު ކޯޗު ބުންޏެވެ.ރާއްޖޭގެ މައްޗަށް ކުރި ހޯދާ ފައިނަލުން ޖާގަ ހޯދި ނޭޕާލްގެ ކޯޗް ބާލް ގޯބާލް ބުނީ މެޗްގައި ރަނގަޅަށް ކުޅެ، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނޭޕާލްކަމަށެވެ. އަދި ނުރައްކާތެރި ހަމަލާތަކެއްވެސް ނޭޕާލްއިން އުފައްދާފައިވާކަމަށެވެ. ނޭޕާލް ކޯޗް ބުނީ މެޗަށް ނިކުތުމުގެ ކުރިން ރާއްޖޭގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކުރިކަމަށާއި، ހާއްސަކޮށް ރާއްޖޭގެ މެދުތެރެއިން ކުޅެމުންދާ ބޯޅަތައް ހުއްޓުވުމަށް މަސައްކަތްކުރިކަމަށެވެ. އަދި ފުރަތަމަ ހާފްގައި ދެ ގޯލް ޖެހުމުން ކުޅުންތެރިންނަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށް ކޯޗް ބުންޏެވެ."ކުރިން އަހަރެމެން ވާހަކަދެއްކީ ސެމީއަށް ދާން ބޭނުންވާ ވާހަކަ. އަދި ސެމީއަށްޓަކައި ވީ ތައްޔާރީތަކުގެ ބޭނުންވަރަށް ރަނގަޅަށް ހިފިއްޖެ. ކުރިން މެޗްތަކުގައި ގޯލް ނުޖެހޭތީ މިމެޗަށް ނިކުތީ ގޯލް ޖެހުމަށް ވަރަށް ރަނގަޅަށް ފަރިތަކޮށްގެން. މިމެޗުގައި އެކަން ވަރަށް ރަނގަޅަށް ކުޅުންތެރިންވަނީ ދައްކާދީފަ. ގޯލްވެސްވަނީ ޖަހާފަ. " މެޗަށްފަހު ނޭޕާލް ކޯޗު ބުންޏެވެ.ރާއްޖޭގެ ޓީމް ޒުވާންކަމުގެ ވާހަކަދައްކާއިރު މުބާރާތުގައި ވާދަކުރި އެހެން ޓީމްތަކަކީވެސް ޒުވާން ޓީމްތަކެވެ. ބަނގްލަދޭޝްގެ ސީނިއަރ ޓީމް ފިޔަވައި އެހެން ޓީމްތައް ބިނާވެފައި އޮތީ ޒުވާން ކުޅުންތެރިންނަށެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި 23 އަހަރުން ދަށުގެ ދެ ޓީމް އޮތެވެ.މިމުބާރާތުގެ ފައިނަލް މެޗްގައި ވާދަކުރާނީ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދި ބަޙްރެއިންއާއި ރާއްޖޭ މައްޗަށް ކުރި ހޯދި ނޭޕާލެވެ.