ކުޅިވަރު

ފުލުހުންގެ އެދުމަށް ބައިބަލާ މުބާރާތް ފަސްކޮށްފި


މޯލްޑިވްސް ޕޮލިސް ސާވިސްގެ އެދުމަށް މި މަހު ހަތަރުވަނަ ދުވަހު ބާއްވަން ތާވަލުކުރި އެމްޓީސީސީ ބައިބަލާ ޗެލެންޖު ފަސްކޮށްފިއެވެ.

"ޕީއެސްއެމް ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުން ބައިބަލާ މުބާރާތް ފަސްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ފުލުހުންގެ އެދުމުގެ މަތީންނެވެ.

ބައިބަލާ މުބާރާތް ފަސްކޮށްފައިމިވަނީ މި މުބާރާތުގެ ގުރުލުން ބާއްވާ މުބާރާތައް ޓީމުތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ. މިއަހަރުގެ މުބާރާތުގައި 34 ޓީމުން ބައިވެރިވެފައިވާއިރު، މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުން ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.