ޚަބަރު

ބަންގްލަދޭޝް މީހާ މަރާލި ކައްކާގެ ބަންދަށް އިތުރު 15 ދުވަސް


ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާނު މީހާގެ ބަންދަށް އަނެއްކާވެސް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. މީގެ ކުރިންވެސް އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ.

ހާންޖީ ރެސްޓޯރެންޓްގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ ވެއިޓަރަކަށް ހަަމަލާދިނުމަށްފަހު، އެ ރެސްޓޯރަންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނު މީހެއް ކަމަށްވާ، އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފިލިއެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތި ސަރަހައްދުންނެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ 19 ވަނަ ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭ މިދިޔަ މަހު ހިނގި މި ހާދިސާގައި ވަޅިޔަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެ ތަނުގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ މަރުވީ ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައިކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ރެސްޓޯރަންޓް ތެރޭގައި ހިނގި ދެ ބަސްވުމެއްގައި ޕާކިސްތާނު ކައްކާ ބަންގްލަދޭޝް މީހާގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުންވަނީ ބުނެފައެވެ. އަދި މި ދެ މީހުންގެ މެދުގައި މީގެކުރިންވެސް ބައެއް ދެބަސްވުންތައް ހިނގާފައިވާކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ބުނެފައެވެ. ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރުކުރުމަށްފަހު ފުލުހުން ވިދާޅުވީ އޭނާގެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުޤީޤްކުރަމުންދާކަމަށެވެ.

މިހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ ރެސްޓޯރަންޓް ތެރެއަށް ވެއްޓިފައި އޮތް ވީޑިއޯއެއްވެސް ޢާންމުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ ލައިގެން އޮތް ޓީޝާޓް އޮތީ ލެއިން ފޯވެފައެވެ. އަދި އެމީހާގެ ފުރާނަ ސަލާމަތްކުރުމަށް އެހެން މީހަކު ސީޕީއާރު ދޭތަންވެސް މި ވީޑިއޯއިން ފެނެއެވެ.

މަރުވި ބަންގްލަދޭޝް މީހާގެ ހަށިގަނޑު އޭނާގެ އާއިލާގެ އެދުމުގެ މަތިންވަނީ ޤައުމަށް ފޮނުވާލާފައެވެ.