ކުޅިވަރު

ފިއޮރެންޓީނާ ބަލިކޮށް މިލާނުން ލީޑު ދަމަހައްޓައިފި


އިޓާލިއަން ލީގުގައި އޭސީ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރިމެޗް މިލާންއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އެޓީމަށް ލިބިފައިވި ލީޑު ދަމަހައްޓައިފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފިއޮރެންތީނާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާއުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނދެއް ކާޟިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނދަކީ މެޗްގެ 82 ވަނަ މިނެޓްގައި ފިއޮރެންޓީނާގެ ކީޕަރ ޕިއެޓްރޯ ޓެރަޗިއާނޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރަފައެލް ލިއާއޮ ކާމިޔާބުކުރި ލަނދެކެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރު ވެގެންދިޔައެވެ.

މިކާމިޔާބީއާއެކު 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސެރީއާގެ ތަށި ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ މިލާނަށް މިވަނީ ތަވާލްގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ 35 މެޗުން ލިބިފައިވާ 77 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނައިގާއުޅޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. މިހާރު ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ތިންމެޗެވެ. އެހެންކަމުން މިތިން މެޗް ކާމިޔާބުކޮށްފި ނަމަ މިލާނަށް ދިގު އިންތިޒާރަަށްފަހު ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ. މިމެޗުން ބަލިވުމުން ފިއޮރެންޓީނާ އުޅެނީ 56 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.