ކުޅިވަރު

ޗެލްސީ އަތުން އެވަޓަންއަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ޗެލްސީ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ވެސް ޕްރިމިއާ ލީގުގައި ދެމި އޮތުމަށް އެވަޓަންއިން ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ޗެލްސީއިންނެވެ. ނަމަވެސް މެޗްގެ ބޮޑުބައި ކޮންޓްރޯލް ކުރުމާއެކުވެސް މިމެޗްގައި އެވަޓަންގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުންތެށިތާ އެއްމިނެޓްގެ ތެރޭގައި ޖަހާދިނީ ރިޗާލިސަންއެވެ. މިއީ އޭނާ މިސީޒަންގައި ކާޟިޔާބުކުރި 9 ވަނަ ލަނޑެވެ. މިލަނޑުގެ އިތުރުން އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑްވަނީ ޗެލްސީގެ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއުކޮށްފައެވެ. މިމެޗް ކާމިޔާބު ވުމުގައި އެވަޓާންގެ ކުޅުންތެރިން ދެއްކި ހިތްވަރާ އެއްވަރަށް އެޓީމްގެ ސަޕޯޓަރުން ދަނޑު ބޭރުން ދެއްކި ހިތްވަރުވެސް ވަރަށް ފާހަގަ ވެގެންދިޔައެވެ. މިގޮތުން މެޗް ފެށުނީއްސުރެ އެއް އަޑަކުން މުޅި ދަނޑު ގުގުމަމުންދިޔައެވެ.

މިކާމިޔާބީއާއެކު އެވަޓަން މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. ނަމަވެސް އެވަޓަން އެއްމެޗް އަދި ނުކުޅެ އޮތުމުން އެމެޗް ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާނެއެވެ. އަދި މިމެޗުން ބަލިވުމުން ޗެލްސީ އުޅެނީ 34 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ތިންވަަނައިގައެވެ. އަދި ފަހަކަށް އައިސް ޗެލްސީގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސަބަބުން ތިންވަނަ މަގާމް ގެއްލުމުގެ ބިރު ވެސް މިހާރު އެބައޮތެވެ.