ހީނަރުވެފައިވާ ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދުމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން ޤައުމުން ބޭރަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެން ޝާހުބާޒުވަނީ މާލީ އެހީތެރިކަން ލިބޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފައެވެ. ސަޢުދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާ ކުރެއްވި މަޝްވަރާތަކުގައި ޝާހުބާޒު އެދިވަޑައިގެންފައިވަނީ ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް ތިން ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއިންވަނީ ޕާކިސްތާނަށް ތެޔޮ ފޯރުކޮށްދިނުމަށްވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށްވެސް ނިންމައިފައެވެ.
މިދިޔަ އަހަރުވެސް ޕާކިސްތާނުގެ ބޭރު ފައިސާގެ ރިސާވު ދަށަށް ދިޔުމުން ސަޢުދީ ޢަރަބިއްޔާއިންވަނީ ތިން ބިލިޔަން އެމެރިކާ ޑޮލަރު ދީފައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޕާކިސްތާނުގެ ބޭރު ފައިސާގެ ރިސާވުވަނީ 10.8 ބިލިޔަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެއީ ހަ މަސްދުވަހަށް ބޭނުންވާ ސާމާނު އެތެރެކުރެވޭނެ މިންވަރުގެ ޢަދަދެކެވެ.
ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރަން އެ ޤައުމުންވަނީ ފަށައިފައެވެ. ނަމަވެސް އެ އިދާރާއިން ހުށަހެޅި ގޮތަށް ތެލާއި ކަރަންޓަށް ދެމުންދިޔަ ސަބްސިޑީތައް ކަނޑާލަން ނިންމި ނިންމުން ޝާހުބާޒުގެ ސަރުކާރުންވަނީ ބާޠިލުކޮށްފައެވެ. އޭޕުރީލް މަހުން ޖޫން މަހުގެ ނިޔަލަށް ތެލާއި ކަރަންޓަށް ސަބްސިޑީ ހަމަޖެއްސުމަށް ޕާކިސްތާނުން 2.1 ބިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަން ޖެހޭނެއެވެ.
2019ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނަށް ހަ ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިންވަނީ ނިންމައިފައެވެ. ނަމަވެސް ޕާކިސްތާނުގެ މާލީ ޤަބިލިއްޔަތާމެދު ސުވާލު އުފެދި އެ އިދާރާއިން އެ ފައިސާ ދޫކޮށްފައެއް ނުވެއެވެ. އެ ނިންމުން ތަންފީޒުކުރުމަށް އެ އިދާރާއިން ޕާކިސްތާނުގެ ސަރުކާރާއެކު ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.