ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލުގެ ޗެމްޕިއަންކަން ޓީމް ސިވިލިއަންސް ބަލިކޮށް ފްރެންޑްސް އޮފް މޯލްޑިވްސްއިން ހޯދައިފިއެވެ.
ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ފްރެންޑްސްއިން ގަސްދުކުރީ ހޮވުމަށެވެ. ޓީމް ސިވިލިއަންސް އިން ކުޅެންއަރާ 8 އޯވަރުގެ ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 118 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުޙައްމަދު ޝިޔާމްއެވެ. މީގެ އިތުރުން ޕްރަސާދު ކުމާރު ވަނީ 2 އޯވަރުން 18 ލަނޑު ހަދާ އެއް ވިކެޓް ނަގައިފައެވެ.
ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެންއަރާ 7 ވަނަ އޯވަރުގައި 120 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 36 ލަނޑު ހެދި މަލިންދަ އާއި 16 ބޯޅައިން 31 ލަނޑު ހަމަކުރި ސިރިދާންއެވެ.
މި މުބާރާތުގެ އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިއަކީ ސިވިލިއަންސްގެ މުޙައްމަދު ޝިޔާމްއެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 160 ލަނޑު ހަދާފައެވެ. މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ 8 ވިކެޓު ނެގި ސިވިލިއަންސްގެ ރަނޫކާ ޕެރޭރާއެވެ.
މުބާރާތުގެ ވަނަތަށް
މުބާރާތުގެ އިނާމް ދެއްވީ މާލޭ ސްޕޯރޓްސް ކްލަބްގެ މަސްއޫލްވެރިޔާ މުހަންމަދު ނާސިރުއެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުގެ ނައިބު ރައީސް އަހުމަދު ހުސެއިން ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.