ޚަބަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވަނީ


ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއްހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސް ޝެއަރ ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމަންޓް އަންނަނީ ނަގަމުންނެވެ.

އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސްކަމެއްގައި ބައިވެރިނުވުމަށާއި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެޕޯސްޓުތައް ޝެއަރނުކުރުމަށްވެސް އިލްތިމާސްކުރެއެވެ.

މިދުވަސް ވަރަކީ ޢީދު ބަންދަށް މީހުން އެކި ތަންތަނަށް ފުރައިގެން ދާ ދުވަސްވަރެއްކަމުން މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.