ޚަބަރު

މުސާރައަށް ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑު


ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއިރު އެކު، ގިނަ ޓީޗަރުންގެ މުސާރަ 20000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންގެ ކަމަށެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް މިގެންނަ ބަދަލާއެކު 19467 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. މިއީ 50 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ދަށް ރޭންކުގެ ޓީޗަރަށް މުސާރައިގެ ގޮތުގައި ކުރިން 10889 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށް، 13266 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު 5 އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 25958 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލް ޓީޗަރސްއަށް އެޑިޝަކަލް ފިސްކަލް އިމްޕެކްޓެއްގެގޮތުގައި އަހަރަކަށް 408 މިލިއަން ރުފިޔާ، މީގެއިތުރުން، އާ ޕޭ ފްރޭމްއާއި އެއްކޮށް، ލީޑިންގ ޓީޗަރާސްއަށް އެލަވަންސްގެ ގޮތުގައި 2000ރ ދިނުމަށްވެސް ވަނީ ނިންމާފައި،" ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުން

1- ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10889 ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 13266 ރުފިޔާއަށް ބޮޑުވެއެވެ.

2- ޑިގްރީ ޓީޗަރަކަށް މިހާރު 13008ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 19467 ރުފިޔާއަށް ބޮޑުވެއެވެ.

3- މާސްޓާސް ޓީޗަރަކަށް މިހާރު 15135ރ. ލިބޭ އިރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20895 ރުފިޔާއަށް ބޮޑުވެއެވެ.

4- އައު އޮނިގަނޑުގައި ޓީޗަރުންގެ 4 ވަނަ ރޭންކް ހިމަނާފައިވާއިރު، އެ ރޭންކުގެ ޓީޗަރެއްގެ މުސާރައަކީ 23277 ރުފިޔާއެވެ.

5- އަދި ރޭންކް 5ގެ ޓީޗަރެއްގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ 25958 ރުފިޔާއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި، އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލުންނަށްވެސް މުސާރައިގެ ގޮތުގައި 30610 ރުފިޔާ ލިބިގެންދާނެ ކަމަށާއި މިއީ ކުރިން ލިބެމުން އައި މުސާރަ ކަމުގައިވާ 16796 ރުފިޔާ އާއި އަޅާ ބަލާއިރު 82 އިންސައްތަ އިތުރު އަދަދެކެވެ.

2 ވަނަ ރޭންކުގެ ޕްރިންސިޕަލްގެ މުސާރަ 33075 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު އެންމެ މަތީ ރޭންކުގެ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި 35452 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރިންސިޕަލުން

1- ރޭންކް 1ގައި ހިމެނެނީ 127 ޕަރިންސިޕަލް- މިހާރު ލިބެނީ 16796ރ. މި ބަދަލާ އެކު 30610 އަށް ބަދަލުވެއެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ.

2- ރޭންކް 2ގައި ހިމެނެނީ 48 ޕްރިންސިޕަލް: މިހާރު ލިބެނީ 20798ރ. މި ބަދަލާ އެކު 33075 އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެކެވެ.

3-ރޭންކަ 3ގައި ހިމެނޭ ޕްރިންސިޕަލުންނަށް 35452ރ ލިބޭނެ އެވެ.

މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ރޭންކު 1ގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 23240 އަށް ބޮޑުކޮށްފައިވާއިރު، މިއީ ކުރީގެ މުސާރައާއި އަޅާ ބަލާއިރު 78 އިންސައްތަ އިތުރު އަދަދެކެވެ. ރޭންކު 2ގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 26023ރ އަށް ބޮޑުކޮށްފައިވާއިރު މިއީ 54 އިންސައްތައިގެ އިތުރުވުމެކެވެ.

ޑެޕިއުޓީ ޕްރިންސިޕަލުން

1- ރޭންކް 1 ގައި ހިމެނޭ 5 ޑެޕިއުޓީ ޕަރިންސިޕަލް: މިހާރު ލިބެނީ 13079ރ. މި ބަދަލާ އެކު 23240އަށް ބަދަލުވެއެވެ. އެއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.

2- ރޭންކް 2ގައި ހިމެނޭ 44 ޑެޕިއުޓީ ޕްރިންސިޕަލް: މިހާރު ލިބެނީ 16830ރ. މި ބަދަލާ އެކު 26023 އަށް ބަދަލުވެއެވެ. އެއީ 54 ޕަސެންޓުގެ ކުރިއެރުމެކެވެ.

3- ރޭންކަ 3ގައި ހިމެނޭ އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 28787ރ ލިބޭނެއެވެ..

މީގެ އިތުރުން، 6 ގިންތިއަކަށް ބަހާލައިގެން، އެޑިޔުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލްސް (އީޑީއޯ) ވެސް ވަނީ މުސާރައިގެ މި އޮނިގަނޑުގެ ތެރެއަށް ވައްދައިފައެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.