ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ލިޔޯން ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ސެމީފައިނަލްގައި ވުލްފްސްބާގާ ބައްދަލުކޮށް ކުޅުނު ދެ ލެގުގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ބާރސާގެ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ބާރސާއިން ކާމިޔާބު ކުރިއިރު، ރޭ ކުޅުނު ދެވަނަ ލެގް 2-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ ވުލްފްސްބަރގުންނެވެ.
ރޭގެ މެޗްގައި ވުލްފްސްބަރގްގެ ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ޓެބިއާ ވަސްމޫތުއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހާދިނީ ޖިލް ރޫޑްއެވެ. މިދެލަނޑާއެކު ރޭގެ މެޗް ވުލްފްސްބަރގް ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ލެގްގައި ބާރސާއިން ނެގި ބޮޑު ލީޑު ދުއްވާލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ބާރސާއަށް ވުލްފްސްބަތގްގެ ޑިފެންސް ފޫއަޅުވާނުލެވުނުއިރު މާރަނގަޅަށް ކުޅެވިފައެއްވެސް ނުވެއެވެ.
މިމުބާރާތުގެ ފައިނަލުން ލިޔޯން ޖާގަހޯދީ ސެމީފައިނަލްގައި ޕީއެސްޖީއާ ބައްދަލުކޮށް ކުޅުނު ދެލެގް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިދެތީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލިޔޯންގެ ދަނޑުގައި ކުޅެ 3-2 ގެ ނަތީޖާއަކުން ލިޔޯނުން ކާމިޔާބުކުރިއިރު، ރޭ ކުޅުނު ދެވަނަ ލެގް ޕީއެސްޖީގެ ދަނޑުގައި ކުޅެ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީވެސް ލިޔޯންއެވެ.
ރޭ ކުޅުނު ދެވަނަ ލެގްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހާދިނީ ލިޔޯންގެ އަޑާ ހެގަރބަރގްއެވެ. މިމެޗްގައި ޕީއެސްޖީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެތްގައި ޖަހާދިނީ މާރީ އެންޓޮއިނޭޓް ކަޓޯޓޯއެވެ. އަދި މިމެޗުން ލިޔޯން މޮޅުވި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ވެންޑީ ރެނާރޑްއެވެ. ލިޔޯންއަކީ މިމުބާރާތް އެންމެ ގިނަ ހަފަރު ކާމިޔާބުކޮށްފައިވާ ޓީމެވެ. ލިޔޯން ވަނީ މިމުބާރާތް ހަތްފަހަރު ކާމިޔާބުކޮށްފައެވެ.
ބާސެލޯނާ އާއި ލިޔޯން ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގައެވެ.