ޚަބަރު

ނިޔުކްލިޔަރ ހަނގުރާމައަކަށް ޖާގަދޭން ރަޝިޔާއާއި އެމެރިކާވެސް ދެކޮޅު


ޔޫކްރެއިނުގައި ބަދަލުކުރަމުންދާ ވަރުގަދަ ޙަމަލާތަކުގެ ތެރެއިން ނިޔުކްލިޔަރ ހަނގުރާމައަކަށް ޖާގަދިނުމަށް ދެކޮޅުކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރި ނަމަވެސް ނިޔުކްލިޔަރ ހަނގުރާމައަކަށް ޖާގަދެވޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާކަމަށާއި އެ ކަމަށް ފުރުޞަތު ދީގެންވެސް ނުވާނެކަމަށެވެ. ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް އެހެން ޤައުމުތަކުން ހުރަސްއަޅައި ޔޫކްރެއިނަށް އެކި ގޮތްގޮތުން އެހީތެރިވާނަމަ ރަޝިޔާގެ އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ހަތިޔާރުތައް ހަނގުރާމައިގެ މައިދާނަށް ނެރެން މަޖުބޫރުވާނެކަމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ވިދާޅުވެފައެވެ. އަދި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފުވަނީ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރަންޖެހިއްޖެ ޙާލަތެއްގައި އެ ކަންކުރަން އެ ޤައުމުން ފަސްޖެހޭނެކަމަށް ހުޅަނގުގެ ބާރުތަކުން ޤަބޫލުކޮށްގެންނުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެފަދަ ޙާލަތަކަށް ނުގޮސްވޭތޯ ކޮންމެހެންވެސް ބަލަންޖެހޭކަމަށާއި އެއީ އެ ޤައުމުން ޤަބޫލުކުރާ އަސާސެއްކަމަށެވެ.

ރަޝިޔާގެ ޙަމަލާތަކުން ޔޫކްރެއިނު ދިފާޢުކުރުމަށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ދީފައިވާ އެމެރިކާއިން ބުނެފައިވަނީ ރަޝިޔާއިން ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރާނެކަމަށް ޤަބޫލުނުކުރާކަމަށެވެ. އަދި އެއީ ދެ ޤައުމުންވެސް ބޭނުންވާނެ ޙާލަތެއް ނޫންކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އެ ޤައުމުން ބުނެފައިވަނީ ރަޝިޔާގެ ނިޔުކްލިޔަރ ޤާބިލިއްޔަތާބެހޭ މަޢުލޫމާތުތައް ޤަވައިދުން އެއްކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ނިޔުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.