ކުޅިވަރު

އަހަރުތަކެއްގެ ދިގު އިންތިޒާރަށް ނިމުމެއް، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އޭސީ ހަރުކުރަނީ


ކުޅިވަރުގެ ގިނަ މުބާރާތްތަކެއް ކުރިއަށްގެންދާ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި 30 އަހަރަށްފަހު އޭސީ ހަރުކުރަން ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ހޫނުވުމުގެ މައްސަލައާ ގުޅިގެން ކުޅުންތެރިން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. އެހެންނަމަވެސް މިދިޔަ 30 އަހަރު މި މައްސަލަ ހައްލު ކުރެވިފައިނުވާއިރު، ދާދި ފަހުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މުބާރާތް އަންނަ މަހު ރާއްޖޭގައި ބާއްވާއިރު، މި މުބާރާތާ ދިމާކޮށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަޕޯޓަރުންނަށް ރިޕްލައި ބަލާލެވޭނެހެން ލެޑް ސްކްރީން ހަރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ 30 އަހަރު ދުވަހު ކުޅުންތެރިން ކުރަމުން ގެންދިޔަ ޝަކުވާއަށް ނިމުން އަންނާނެ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ފަސޭހަވާނެހެން ޒުވާނުންގެ މަރުކަޒު ފިނި ކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީޓީ ޓީމު ތައްޔާރުވަމުން އަންނައިރު، ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.