ކުޅިވަރު

އެމްއެސް މޭޓްސް ބަލިކޮށް ޗެމްޕިއަންކަން ހުޅުމާލެ ވެޓެރަންސްއަށް


މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށް ހުޅުމާލެ ވެޓެރަންސްއިން މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ކުޅުނު ފައިނަލް މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ހުޅުމާލެ ވެޓެރަންސް އަށެވެ. އެގޮތުން ހުޅުމާލެ ވެޓެރަންސްގެ މުޙައްމަދު ޒިޔާދަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ހާފުގައި އެމްއެސް މޭޓްސްގެ އަޙްމަދު މަމްދޫހް (ފެނާންޑޯ) އަށް ވެސް ލަނޑު ޖަހަން ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފެނާންޑޯ ފޮނުވާލި ބޯޅަ ހުޅުމާލެ ވެޓެރަންސްގެ ކީޕަރު މުޙައްމަދު ޝިނާން (ނާނި) ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ އެމްއެސް މޭޓްސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު މުޙައްމަދު ޖަމީލް (ޖަމްބެ) ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަހުން މެޗުގެ 48 ވަނަ މިނެޓުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް މުޙައްމަދު (އިއްސޭ)އެވެ. މި ލަނޑަށްފަހު ވެސް ހުޅުމާލެ ވެޓެރަންސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ހުޅުމާލެ ވެޓްރަންސް ކުލަބުގެ ކެޕްޓަން އިއްސޭއެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ހުޅުމާލެ ޓީމްގެ ކީޕަރު ނާނީ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ ކޯޗު އަހުމަދު ނިޔާޒު (ނިޔާ)އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ލީގު ބުރުން ތިންވަނަ ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ދަ ގްރާންޑޭ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް މުބާރާތެއްގައި ކުޅުނުއިރު، އެ ޓީމުގައި ތިބީ މާފުށްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.