ކުޅިވަރު

ޕީއެސްޖީއާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ކޮންޓޭ ދޮގުކޮށްފި


ޕީއެސްޖީއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ފްރާންސްގެ މީޑިއާއިން އަންނަނީ ޕީއެސްޖީގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ބަދަލުގައި އެކުލަބަށް ދެން ގެންނާނެކަމަށް ބެލެވޭ ކޯޗަކީ ކޮންޓޭ ކަމަށް ރިޕޯޓުކުރަމުންނެވެ.

އެކަމަކު ކޮންޓޭ ހާމަކުރި ގޮތުގައި އެހެން ކުލަބުތަކުން އޭނާގެ މަސައްކަތް ބަލައިގަތް ނަމަވެސް، ނޫސްވެރިން އަމިއްލައަށް ވާހަކަ އުފައްދަން އުޅުމަކީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ކޮންޓޭ ބުނީ މިގޮތަށް ދޮގު ޚަބަރު ފެތުރުމުން އޭނާއަށާއި އެކަމުގައި ނިސްބަތްވާ ކުލަބުތަކަށްވެސް އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

ސްޕާސްގެ ކޯޗުގެ މަގާމާ ކޮންޓޭ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މި އަންނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ސްޕާސްއާއެކު އެއްބަސްވުން ވަނީ ހަދާފައެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގައި ސްޕާސް ވާދަކުރަމުން އަންނައިރު، އެ ޓީމު މިހާރު އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ފަސްވަނައިގައެވެ. އަދި އެ ޓީމުން އަންނަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ކޮންޓޭ ހާމަކުރިގޮތުގައި މިހާރު ބާކީ އޮތް ފަސް މެޗު ނިމުމުން އޭނާ ކުލަބާ ވާހަކަ ދައްކައި، ހުރިހާ ފަރާތަކަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއާ މެދު މަޝްވަރާކުރާނެ ކަމަށެވެ.