އޮސްޓްރިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ ކޯޗް ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ.
ނަމަވެސް ރަންގްނިކް އޮސްޓްރިއާގެ ޓީމާއި ހަވާލުވާނީ މި ފަހަރުގެ ސީޒަނުގައި ބާކީ އޮތް މެޗުތައް ނިމުމުން ކަމަށްވެއެވެ.
އޮސްޓްރިއާގެ ކޯޗުކަމާއި ހަވާލުވި ނަމަވެސް އޭނާ ކުރިންވެސް ނިންމާފައިވާ ގޮތަށް ޔުނައިޓެޑުގައި ކޮންސަލްޓަންޓްއެއްގެ ރޯލް އަދާކުރާނެކަން ރަންގްނިކް ވަނީ ހާމަކޮށްފައެޗެ. އޭނާ ހާމަކުރި ގޮތުގައި މުސްތަގުބަލްގައި ޔުނައިޓެޑަކީ އަލުން ގަދަ ބާރަަކަށް ހެދުމަށް ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
އުމުރުން 63 އަހަރުގެ ރަންގްނިކް ވަނީ އޮސްޓްރިއާގެ ގައުމީ ޓީމާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އޮސްޓްރިއާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ރަންގްނިކް ބުނީ ޖަރުމަނުގައި ދެން ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ޒުވާން ޓީމަކާއެކު މަސައްކަތް ކުރަން ލިބުމުން އެކަން ހަގީގަތަކަށް ހެދުމަށް ބޭނުންވެފައިވާ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.
ފީފާ ރޭންކިންގެ 23 ވަނައިގައި އުޅޭ އޮސްޓްރިއާގެ ކޯޗުކަމުގައި ހުރި ފްރެންކޯ ފޯޑާ މި އަހަރުގެ މާޗް މަހު އިސްތިއުފާދިން ފަހުން އެ ޓީމުގައި ހެޑް ކޯޗެއް ނެތެވެ. ފޯޑާ މަގާމުން އިސްތިއުފާ ދިނީ މި އަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރިއާ ކޮލިފައިކޮށް ނުދެވުމާއި ގުޅިގެންނެވެ. އޮސްޓްރިއާގެ ފުޓްބޯލް އެސޯސިއޭޝަނުން ހާމަކުރިގޮތުގައި ރަންގްނިކް ފަދަ ބައިނަލްއަގުވާމީ ތަޖުރިބާހުރި ކޯޗެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރަންގްނިކަކީ އޮސްޓްރިއާ ޓީމަށް އެންމެ ރަނގަޅު ކޯޗުކަމަށްވެސް ވަނީ ހާމަކޮށްފައެވެ.