ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ރައީސްގެ މަގާމަށް ހުސެއިން އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ.
ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ
ހުކުރު ދުވަހުގެރޭ ކަލާފާނު ސްކޫލުގައި ކުރިއަށްދިޔަ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސެއިން އާދަމް އެކަންޏެވެ. ހުސެއިން އާދަމް ރައީސްކަމަށް އިންތިޚާބުވީ ވިކްޓަރީގެ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން ޖަލްސާގައި ހާޒިރުވެތިބި 46 މެމްބަރުން ވަނީ ހުސެއިން އާދަމް ރައީސް ކަމަށް އިންތިޚާބު ކުރަން ފެންނަ ކަމަށް ވޯޓު ދީފައެވެ. ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވީ އިސްމާއިލް ލަތީފްއެވެ. އޭނާއަށް ފުރިހަމަ އަގުލަބިއްޔަތު ވަނީ ލިބިފައެވެ.
އަލަށް އިންތިޚާބުވި ވިކްޓަރީގެ ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އާއި، ފާތިމަތު ޝެރިން އާއި ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ޝައްފާޒް (ސާއްޕޭ) އާއި އިބްރާހީމް މުޙައްމަދު އާއި އަޙްމަދު ފައިސަލް އާއި އިބްރާހީމް އިޒްހާން އާއި އިސްމާއީލް ޝަރީފް އާއި އަޙްމަދު އަރީސްގެ އިތުރުން އަޙްމަދު ރިޔާޒްއެވެ.
އާންމު ޖަލްސާގައި ވަނީ ވިކްޓްރީގެ ޖެނެރަލް ސެކެޓްރީއަކަށް މޫސާ ރަމީޒް (ރަމީ) އައްޔަންކޮށްފައެވެ.
އާންމު ޖަލްސާއަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ވިކްޓަރީގެ ރައީސް ހުސެއިން އާދަމް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވިކްޓަރީ ކުރިން އޮތް ހިސާބަށް ގެނައުން ކަމަށެވެ. އަދި އެޅިފައިވާ ދަރަނި ހަލާސް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގައި ހުސެއިން އާދަމް ވިދާޅުވިއެވެ.
ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީ އެންމެ ފަހުން އެ ކްލަބް ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކުރިއިރު، ވިކްޓަރީން ތުހުމަތުކުރީ އެ އަދަބަކީ އެ ކްލަބުން އިސްވެ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.