ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލުން ފްރެންޑްސް އޮފް މޯލްޑިވްސް، އެސްޓީއޯ، ފަތަހަ ސްޓާސް އަދި ޓީމު ސިވިލިއަންސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ލީގު ބުރުގެ ކުޅުން ހުކުރު ދުވަހު ނިމުނުއިރު، ގްރޫޕް އޭގެ އެއްވަނައިގައި 8 ޕޮއިންޓާއެކު އޮތީ ފްރެންޑްސް އޮފް މޯލްޑިވްސްއެވެ. އަދި ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ ފަތަހަ ސްޓާސްއެވެ.
އަދި ގްރޫޕް ބީގެ އެއްވަނައިއިގައި 8 ޕޮއިންޓާއެކު ސިވިލިއަންސް އޮތްއިރު، ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ އެސްޓީއޯއެވެ.
ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިއިރު، ހުކުރު ދުވަހު ވަނީ މި މުބާރާތުގެ ހަތަރު މެޗެއް ކުޅެފައެވެ. އެގޮތުން ހުކުރު ދުވަހު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލެމަންގްރާސްއާ ބައްދަލުކޮށް އަހިންސަކާސް މެޗު ކާމިޔާބުކުރީ 60 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި އެމްޓީސީސީ އޭ އާ ބައްދަލުކޮށް ސިވިލިއަންސްއިން ކާމިޔާބުކުރީ 10 ލަނޑުންއެވެ.
މީގެ އިތުރުން ހުކުރު ދުވަހު ކުޅުނު ތިންވަނަ މެޗުގައި ފަތަހަ ސްޓާސްއިން ވަނީ ލެމަންގްރާސް އަތުން 8 ވިކެޓުން މޮޅުވެފައެވެ. އަދި ހަތަރުވަނަ މެޗް އެސްޓީއޯއިން ކާމިޔާބުކުރީ އެމްޓީސީސީ އޭ އަތުން 12 ލަނޑުންއެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި ފްރެންޑްސް އޮފް މޯލްޑިވްސް އާއި އެސްޓީއޯ ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ފަތަހަ ސްޓާސް އާއި ސިވިލިއަންސްއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ.