މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސްއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ގޮތަކުންވެސް ފައިދާ އޮތީ އެ ޓީމަށް ކަމަށް އެމްއެސް ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ބުނެފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގެ ކުރިން ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު ބުނީ މި މުބާރާތް ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ކުޅޭއިރު ކޮންމެވެސް ވަރަކަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ފަރިތަކުރުންތަކަކާ ނުލާ މުބާރާތް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަ ޓީމުގައި އުޅޭކަމަށް އައްސަދު ބުންޏެވެ.
އައްސަދު ބުނީ މި މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑީ ހުޅުމާލެ ވެޓެރަންސްއަށް ކަމަށާއި، އެހެންނަމަވެސް ފައިނަލު މެޗަށް އެމްއެސް މޭޓްސްއިން ނުކުންނާނީ އިދިކޮޅު ޓީމު ބަލިކޮށް ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި މިހާރު ފައިނަލް މެޗަށް އެމްއެސް މޭޓްސްއިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އައްސަދު ބުންޏެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހުޅުމާލެ ވެޓެރަންސްގެ ކޯޗު އަޙްމަދު ނިޔާޒް ބުނީ ފައިނަލް މެޗަށް ނުކުންނައިރު ޓީމުން ކޮންމެސް ވަރެއްގެ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.
ނިޔާޒް ބުނީ ވެޓެރަންސް ފައިނަލަށް ކުރި ދަތުރު މިއީ ފަސޭހަ ދަތުރެއް ކަމަށް ބުނެވިދާނެ ކަމަށާއި، އެކެމަކު ފައިނަލް މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އެގޮތުން އިދިކޮޅުން ނުކުންނަ އެމްއެސް މޭޓްސް ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެހެން ނަމަވެސް މި މުބާރާތް ކާމިޔާބުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނިޔާޒް ބުނިއެވެ.
މި މުބާރާތުގެ ކުޅުނު އެއްވެސް މެޗަކުން އެމްއެސް މޭޓްސް އަދި ހުޅުމާލެ ވެޓެރެންސްވެސް މިހާތަނަށް ބަލިވެފައެއްނުވެއެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 ނަތީޖާއަކުން އެއްވަރުވެގެންނެވެ.