ޚަބަރު

ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް އެ ޖަމާޢަތުން އަނެއްކާވެސް ގޮވާލައިފި


އަފްޣާނިސްތާނުގެ އޮތް ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް އެ ޖަމާޢަތުން އަނެއްކާވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފިއެވެ.

ޢީދާ ދިމާކޮށް ޠާލިބާނުންގެ އެންމެ އިސްވެރިޔާ ހައިބަތުﷲ އަޚޫންޒާދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ ޞުލްޙައާއި ހަމަޖެހުން ކަށަވަރުކުރުމަށް އެ ޖަމާޢަތުން މުޙިއްމު ދަޢުރެއް އަދާކުރެވޭނެކަމަށެވެ. ނަމަވެސް އޭގެ ކުރިން އަފްޣާނިސްތާނުގެ އޮތް ޠާލިބާނުންގެ ވެރިކަން ބަލައިގަނެ މައްސަލަތައް ޙައްލުކުރުމަށް ޚާރިޖީ ގުޅުންތައް ޤާއިމުކުރުން މުޙިއްމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

20 އަހަރުފަހުން އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު އެ ޖަމާޢަތުންވަނީ ނޫސްވެރިންގެ މިނިވަންކަންކަމާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ވަޢުދުވެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަ މިންވަރަށް އެ ޙައްޤުތަކެއް ޠާލިބާނުންނަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. އަދި އަޚޫންޒާދާ ނެރުއްވި ބަޔާނުގައިވެސް އެ ޙައްޤުތަކުގެ ވާހަކަ ހިމަނުއްވާފައެއް ނުވެއެވެ. ނަަމަވެސް އޭނާ ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ކުރަންޖެހޭނެކަމަކީ ޠާލިބާނުންގެ ވެރިކަން ބަލައިގަތުންކަމަށާއި ޙައްޤުތަކާއި ދިމީޤްރާޠީ ހަމަތަކުގެ ވާހަކަދައްކާނީ އޭގެ ފަހުންކަމަށެވެ.

ޢީދާ ދިމާކޮށް އަޚޫންޒާދާ ނެރުއްވި ބަޔާނުގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އައިއެސް ޖަމާޢަތުން ދެމުންދާ ޙަމަލާތަކަށްވެސް އަލިއަޅުއްވާލައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ މުޅި އަފްޣާނިސްތާން އިސްލާމީ އަދި ޤައުމީ ލަޝްކަރެއްގެ ގޮތުގައި އެކުލަވާލެވިފައިވާކަމަށާއި ޖާސޫސީ މަޢުލޫމާތުތައް އެއްކުރުމުގައިވެސް ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެ ޤައުމުގެ ނުވަ ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއިންވަނީ ހިފަހައްޓާފައެވެ. އަދި އެ ނިންމުމުގެ ސަބަބުން އަފްޣާނިސްތާނުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ޤައުމަށްވަނީ އިންސާނީ ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް އެމެރިކާއިންވަނީ އެ ފައިސާއާއި މުދާ ދޫކުރާނީ ޠާލިބާނުން ކަށަވަރުކޮށްދޭން ވަޢުދުވި ޙައްޤުތައް ކަށަވަރުކޮށްދިނުމުންކަމަށެވެ.