ޚަބަރު

އިންޑިޔާއާއި ޕާކިސްތާނަށް އިންތިހާއަށް ހޫނުގަދަ ދުވަސްވަރެއް


އިންޑިޔާއާއި ޕާކިސްތާނަށް އިންތިހާއަށް ހޫނުގަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފާއިތުވި 61 އަހަރުދުވަހުގެ ތެރޭގައި ހޫނުގަދަނުވާ މިންވަރަށް ޕާކިސްތާނަށް ހޫނުގަދަވުމުގެ ސަބަބުން އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިންވަނީ އިންޒާރެއް ނެެރެފައެވެ. އަދި އަވަށްޓެރި އިންޑިޔާއަށް ހޫނުގަދަވުމުގެ ސަބަބުން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ މަދަރުސާތައްވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ މޫސުމާބެހޭ ވަޒީރު ޝެރީ ރަޙުމާން ވިދާޅުވީ އެ ޤައުމަށް އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރަޙައްދީ ސަރުކާރުތަކަށް ޢަމުރުކުރައްވާފައިވާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ހޫނުމިންވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. އަދި ޢާއްމުކޮށް ހޫނުމިން ހުންނަ މިންވަރަށްވުރެ ހައެއް ނޫނީ އަށެއް ޑިގްރީއަށްވުރެ ހޫނުގަދަކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ.

މޫސުމާބެހޭ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އިންޑިޔާއާއި ޕާކިސްތާނުގައި ދިރިއުޅޭ އެއް ބިލިޔަން މީހުންނަށް ހޫނުގަދަވުމުގެ އަސަރުކުރާނެއެވެ. އަދި ފާއިތުވި 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސީދާ ފިނި މޫސުމުން ހޫނު މޫސުމަށް މޫސުން ބަދަލުވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އޭގެ އިތުރުން ހިމާލަޔާ ފަރުބަދަތަކުގެ ގަނޑުފެންގަނޑުތައް ވިރި ފެންބޮޑުވުމުގެ ކާރިޘާއަކާ ހަތް މިލިޔަން މީހުން ކުރިމަތިލާން ޖެހިފައިވެއެވެ.

އިންޑިޔާއާއި ޕާކިސްތާނަށް އިންތިހާއަށް ހޫނުގަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހުމުން ބޮޑެތި އާބާދީތަކުން ގިނަ ވަޤުތުތަކަކަށް ކަރަންޓު ކެނޑުމާވެސްވަނީ ކުރިމަތިލާންޖެހިފައެވެ.