ޚަބަރު

ޑެންގީ ހުން ޖެހުމުން ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިއްމު


ޑެންގީ ހުން ޖެހުމުން ހުން މަޑުކުރުމުގެ ބަދަލުގައި، ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރަން ސިއްހީ މާހިރުން ލަފާދެއްވައިފިއެވެ.

ސިއްހީ މާހިރުން މިހެން ވިދާޅުވެފައި މިވަނީ މިދުވަސްވަރު އަތޮޅުތެރެއާއި މާލެ ސަރަހައްދުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ އަދަދުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއީ ވިއްސާރަ ދުވަސްވަރަކަށްވުމުން މަދިރީގެ ޒަރިއްޔާއިން ފަސޭހައިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުޞަތު ބޮޑު ދުވަސްވަރެއްކަމަށެވެ. އެހެންކަމުން ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޑރ. އަހްމަދު ފައިސަލް ވިދާޅުވީ ވަކި ހާއްސަ ސަބަބެއް ނެތި ދިގުލައިގެންދާފަދަ ހުމެއްނަމަ ރާއްޖޭގައި އެއީ ޑެންގީ ހުމުގެ ގޮތުގައި ޝައްކުކުރެވޭ ކަމަށެވެ. އަދި އާންމުގޮތެއްގައި ޑެންގީ ހުމުގައި ގައިގަ ރިއްސުމާއި ބޮލުގަ ރިއްސުމާއި ލޮލުގެ ވަށައިގެން ރިއްސުންފަދަ ކަންތައްތައް ދިމާވާއިރު، ހޮޑުލުމާއި ބަނޑަށް ތަދުވުންފަދަ ކަންތައްތައްވެސް ބައެއް މީހުންނަށް ދިމާވާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ޑެންގީ ހުން އައުމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ދިޔާ ތަކެތި ގިނައިން ބޭނުންކުރުމަށްކަމަށެވެ.

" އަސްލު މީގަ އެންމެ މުހިންމީ ހުމެއް ނޫން. އަޅުގަނޑުމެން މިކިޔާ ޑީހައިޑްރޭޝަންއާ ޝޮކަށް ދިޔުން މީގަ އެންމެ މުހިންމީ. އެހެންވީމަ މީގަ ހުން މަޑުކުރަން އުޅުމަށްވުރެ ބޮޑަށް ދިޔާ އެއްޗިހިން އެބައި ހިފެހެއްޓުމަށް މަސައްކަތްކުރުން އެއީ ވަރަށް މުހިންމު ކަމެއް " ޑރ. ފައިސަލް ވިދާޅުވިއެވެ.

އާންމުގޮތެއްގައި ޑެންގީ ހުން އަންނަ މީހުން 3 ދުވަހާއި 7 ދުވަހާ ދެމެދު ހުން ހުންނަކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ. އެގޮތުން 3 ދުވަސްތެރޭ ހުން މަޑުނުވާނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ޑރ ފައިސަލް އިލްތިމާސްކުރެއްވިއެވެ. އެހެންނަމަވެސް މީގަ އެންމެ ބޮޑު އުނދަގޫވާނީ ހުން މަޑުވަމުން އަންނައިރުކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މީގެ އެންމެ ނުރައްކާތެރިކަމަކީ ހުން މަޑުވާއިރު މީހާގެ އާންމު ހާލަތު ރަނގަޅު ނުވުންކަމަށެވެ. އެގޮތުން ގިނައިން ފެންނާނީ ބްލަޑް ޕްރެޝަރ ދަށްވެގެން އަންނަ އަލާމާތްތައްކަމަށާއި އޭގެ ތެރޭގައި ބަނޑަށް ތަދުވުމާއި ބަނޑުގަ މާބޮޑަށް ރިއްސާފަ ހޮޑުލައި އެއްވެސް ދިޔާ އެއްޗެއް ބޯން އުނދަގޫވާނެކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

" ދެން މީގަ އިތުރަށް ފެންނާނި ލޭ އައުމުގެ އަލާމާތްތައް. އެގޮތުން ލޭ އައިސްދާނެ ނޭފަތުންވެސް ނޫނިއްޔާ ހިރުގަނޑުންވެސް. އޭގެ އިތުރަށް ހަމުގަ ހުންނާނެ ތިކިތަކެއް ޖަހާފަ ހުންނަ ގޮތަށްވެސް ލޭ އައިސްދާނެ. ދެން ވަރަށް ގަދަޔަށް ހުންނަ ކަމުގައިވާނަމަ ބައެއް ފަހަރު ހޮޑުލާއިރު ލޭ އައުން އެކަށީގެންވޭ" ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މިބަލީގައި ބޭހުގެ ގޮތުގައި ބޭނުންކުރެވޭނީ ޕެރެސެޓްމޯލް އެކަނިކަމަށާއި، ބްރޫފަން އަދި އެހެނިހެން ބޭސް ބޭނުން ނުކުރުމަށް ޑރ. ފައިސަލް އިލްތިމާސްކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޑރ ފާހަގަކުރެއްވީ އެފަދަ ބޭސް ބޭނުންކުރުމުން ލޭ އައުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީގެ ކޭސްތައް އަންނަނީ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންނެވެ. ކުޑަކުދިންނާއި މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން އެކަށީގެންވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މަދުން ނަމަވެސް މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަހަރު ކުރިމަތިވެއެވެ. އެހެންކަމުން މި ފަރާތްތަކުން އިތުރަށް ސަމާލްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.