ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކޮށް، މި މުބާރާތުގެ ފައިނަލާއި ގާތަށް އެއިންޓްރެކްޓް ފްރެންކްފަޓް ޖެހިލައިފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ފްރޭންކްފަޓްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމްއެވެ. ނަމަވެސް ގިނަ ހަމަލާ އުފެއްދި ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވާލެވިފައިވަނީ ފްރޭންކްފަރޓް އަށެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީ ފްރޭންކްފަރޓްގެއެވެ.
އެގޮތުން މެޗްގެ ފުރަތަމަ މިނެޓްގައި ފްރޭންކްފަރޓްއިންވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަންސްގާ ކްނައުފްއެވެ. މިމެޗްގައި ވެސްޓް ހޭމްއިން އެއްވަރު ކުރި ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާދިނީ މިކައިލް އެންޓޯނިއޯއެވެ. އަދި މިމެޗުން ފްރޭންކްފަރޓް މޮޅުވި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ޑައިޗީ ކަމާޑާއެވެ. މިމެޗްގެ ނަތީޖާ ހަމަހަމަ ކުތުމަށް ވެސްޓް ހޭމްގެ ޖެރޯޑް ބޮވެން އާއި ސައިދު ބެންރަހްމާއަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ.
މިކާމިޔާބީއާއެކު ފްރޭންކްފަރޓް އިން މިވަނީ މިމުބާރާތުގައި ރެއާލް ބެޓިސް އާއި ބާސެލޯނާ އަި ވެސްޓް ހޭމްއާވެސް ރަށުން ބޭރުގައި ކުޅެ މޮޅުވެފައެވެ. އަދި މިއަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނިކުންނައިރު ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑިވެސް ފްރެންކްފަރޓް އަށެވެ.
މިމުބާރާތުގެ ފައިނަލުން ވޭތުވެދިޔަ 46 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހޯދަން ބޭނުންނަމަ ވެސްޓް ހޭމްއަށް ޖެހޭނީ ރަށުން ބޭރުގައި ކުޅޭ ދެވަނަ ލެގްގައި މިއައްވުރެ ރަނގަޅު ކުޅުމެއް ދައްކާ އެމެޗް ދެ ލަނޑުގެ ތަފާތަކުން ކާމިޔާބު ކުރާށެވެ. އެންމެ ފަހުން ކްއާޓަރ ފައިނަލްގައި ލިޔޯން އާއި ބައްދަލުކޮށް ރަށުން ބޭރުގައި މޮޅުވެފައިވާތީ އެޓީމަށް މިކަން ކުރެވިދާނެކަމުގެ އުއްމީދު އެބައޮތެވެ.