ކުޅިވަރު

ބޮޑު ލަދަކާއެކު މިފަހަރުވެސް ނިންމާލީ ސެމީފައިނަލުން


ސެމީފައިނަލްގައި އިންޑިޔާ އަތުން ބަލިވެ، ސާފް ޗެމްޕިއަންޝިޕުން ކެޓިތާ 18 ދުވަސް ފަހުން، ނޭޕާލް އަތުންވެސް ސެމީގައި ބަލިވެ ބަންގްބަންދް ގޯލްޑްކަޕުން ރާއްޖެ ކަޓައިފިއެވެ. ބަނގްލަދޭޝްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ އިންވިޓޭޝަނަލް މުބާރާތުން ދާދި ދެންމެ ރާއްޖެ ކެޓީ ސެމީފައިނަލްގައި 4-1 ގެ ބޮޑު ތަފާތަކުން ނޭޕާލް  އަތުން ބަލިވެގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ން ނޭޕާލް ކުރީގައި އޮވެގެންނެވެ. މިލަނޑު ޖަހައިދިނީ ނަވާޔުގް ޝުރެސްތާއެވެ. ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. ނޭޕާލްގެ ދެވަނަ ލަނޑު ޖެހީ ބިޝާލް ރާއީއެވެ. ރާއްޖޭގެ ލަނޑު ޖެހީ އަހުމަދު ނާޝިދުއެވެ. އޭރު ނޭޕާލުން ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީވެސް ބަނގްލަދޭޝް ހިމެނުނު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދިޔަ ނޭޕާލުންނެވެ.ރާއްޖެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޒުވާން އަދި ރޭންކިންގައި ރާއްޖެއަށްވުރެ ފަހަތުގައި އޮތް ކެމްބޯޑިޔާއަތުންނާއި، ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމް އަތުން މޮޅުވިއެވެ. އަދި ފައިނަލަށް ދަތުރުކޮށްފައިވާ ބަހުރެއިންއާއި އެއްވަރުކުރިއެވެ. ބަހުރެއިން އިން ވާދަކުރަނީވެސް އެމީހުންގެ ޒުވާން ޓީމެވެ. ރާއްޖޭގެ ޓީމްގައިވެސް ސީނިއަރ ބައެއް ކުޅުންތެރިންގެ ބަދަލުގައި މުބާރާތަށް ދިޔައީ ޒުވާން ކުޅުންތެރިންނެވެ. އަންނަ ހުކުރު ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ނޭޕާލާއި ބަހުރެއިންއެވެ.