އެހީގެ ގޮތުގައި ޔޫކްރެއިނަށް 33 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވައިފިއެވެ.
އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ބައިޑަން އެދިވަޑައިގެންފައިވަނީ ޔޫކްރެއިނަށް ދެމުންދާ އެހީ އިތުރުކޮށް އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން ރަޝިޔާގެ ފައިސާއާއި މުދާ ހިފެހެއްޓުމަށެވެ، ޔޫކްރެއިނަށް ދިނުމަށް ބައިޑަން ހުށަހެޅުއްވި 33 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރޭގައި ހަތިޔާރާއި އަސްކަރީ އެހީގެ ގޮތުގައި 20 ބިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސާދިނުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޔޫކްރެއިނުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް 8.5 ބިލިޔަން އެމެރިކާ ޑޮލަރާއި އެ ޤައުމަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތިން ބިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސާދިނުމަށް ބައިޑަން އެދިވަޑައިގެންފައިވެއެވެ.
ޔޫކްރެއިނަށް ދެމުންދާ އެހީ އިތުރުކޮށްދިނުމަށް ހުށަހެޅުއްވުމަށްފަހު ބައިޑަން ވިދާޅުވެފައިވަނީ އެއީ އެ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކޮންމެހެންވެސް އެމެރިކާއިން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިނިވަންކަން ކަށަވަރުކުރުމަށް ކުރާ ހަނގުރާމައިގެ އަގު ބޮޑުވާނެކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. އޭގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ރަޝިޔާ ބާކީކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ފައިސާއާއި މުދާ ހިފެހެއްޓޭނެ ގޮތްތައް ހޯދުން މުޙިއްމުކަމަށާއި އެ ފައިސާއާއި މުދާ ޔޫކްރެއިނު އާރާސްތުކުރުމަށް ޚަރަދުކުރެވޭނެ އުޞޫލުތަކެއް އެކުލަވާލުމަށްވެސް ބައިޑަން އެދިވަޑައިގެންފައިވެއެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ހިފަހައްޓާފައިވާ ރަޝިޔާގެ ފައިސާއާއި މުދަލުގެ އަގު 30 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެ ތެރޭގައި ސުޕަޔޮޓުތަކާއި ކާރާއި ހެލިކޮޕުޓަރާއި އަގުބޮޑު ކުރެހުންތައް ހިމެނެއެވެ.
ރަޝިޔާގެ ޙަމަލާތަކުން ޔޫކްރެއިނު ދިފާޢުކުރުމަށް އެމެރިކާއިންވަނީ 3.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އެ ޤައުމަށް ފޮނުވައިފައެވެ. އަދި އެމެރިކާއިންވަނީ ޔޫކްރެއިނުގެ ފައުޖުތައް ތަމުރީނުކުރަންވެސް ފަށައިފައެވެ.