ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މިނިވަންކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ނިންމައިފިއެވެ.
ސަޢުދީ ޢަރަބިއްޔާއިން ބުނެފައިވަނީ އިންސާނިއްޔަތުގެ ޢަމަލެއްގެ ގޮތުގައި ޚޫޘީންގެ 163 ހަނގުރާމަވެރިން މިނިވަންކުރަން ނިންމާފައިވަނީ ރެޑު ކުރޮސް މެދުވެރިކޮށްކަމަށެވެ. ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް އދ މެދުވެރިވެގެން ކުރަމުންދާ މަޝްވަރާތަކަށް ޖާގަދިނުމަށް ސަޢުދީ އަރަބިއްޔާއިންވަނީ ދެ މަސްދުވަހަށް ޚޫޘީންނާ ޙަމަލާބަދަލުކުރުން ހުއްޓާލުމަށް މީގެ ކުރިން އެއްބަސްވެފައެވެ. އެ ޤައުމުން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ޚޫޘީ ހަނގުރާމަވެރިން މިނިވަންކުރުމުން ދެ ފަރާތުގެ މެދުގައި އިތުބާރު ޤާއިމުކުރެވި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރުމަށް ފުރުޞަތު ލިބޭނެކަމަށް ޤަބޫލުކުރާކަމަށެވެ.
ގިނަ ޢަދަދެއްގެ ޚޫޡީ ހަނގުރާމަވެރިން މިނިވަންކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ނިންމާފައިވަނީ ފިޠުރު ޢީދާ ދިމާކޮށް ދެ ފަރާތުންވެސް 200 އަސީރުން ބަދަލުކުރުމަށް އެ ޖަމާޢަތުން ހުށަހަޅަފައިވަނިކޮށެވެ. އދ މެދުވެރިވެގެން ކުރަމުންދާ މަޝްވަރާތަކުގައި ޚޫޘީންވަނީ އެ ޖަމާޢަތުގެ 1،400 ހަނގުރާމަވެރިން މިނިވަންކޮށްފިނަމަ ބަދަލުގައި 823 މީހުން މިނިވަންކުރުމަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސަޢުދީ އަރަބިއްޔާއަށް ނިޞްބަތްވާ 16 މީހުންނާއި ސޫދާނަށް ނިޞްބަތްވާ ތިން މީހުން ހިމެނެއެވެ. އެންމެ ފަހުން ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. އެ ފަހަރު 1،000 ޤައިދީން މިނިވަންކޮށްފައިވެއެވެ.
2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ސަޢުދީ އަރަބިއްޔާއިން ތާޢީދުކުރާ ޚޫޘީން ޢަބްދުރައްބު މަންޞޫރު ހާދީގެ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ. އަދި މަންޞޫރު ހާދީވަނީ ވެރިކަމުގެ ބާރުތައް ރިޔާސީ މަޖިލީހަކަށް ބަދަލުކުރައްވައި އޭނާގެ ނައިބު މަޤާމުން ވަކިކުރައްވައިފައެވެ.