ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މެދުނުކެނޑި ކުރަމުންދާ މުޒާހަރާތަކުގައި ސަރުކާރު މުވައްޒަފުން ބައިވެރިވެ އެ ޤައުމު ހުއްޓުމަކަށް ގެނެސްފިއެވެ.
ސުރީ ލަންކާގައި އެކި ސަރަޙައްދުތަކުގައި ޢާއްމުން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގައި އެ ޤައުމުގެ ސަރުކާރުގެ މުވައްޒަފުންނާއި މުދައްރިސުންނާއި ބޭންކުތަކާއި ދަތުރުފަތުރުކުރުމުގެ ނިޒާމުގައި މަސައްކަތްކުރާ މީހުން ބައިވެރިވުމުން އެ ޤައުމުގައި ޢާއްމު ޚިދުމަތްތައް ދެމުންދާ އިދާރާތަކާއި މަދަރުސާތަކާއި ބޭންކުތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މުޒާހަރާތައް އިންތިޒާމުކުރާ ޖަމާޢަތްތަކުންވަނީ މެއި މަހުގެ 6ވަނަ ދުވަހުގެ ކުރިން ސަރުކާރު އިސްތިޢުފާނުދީފިނަމަ މުޅި ޤައުމު ހުއްޓުމަކަށް ގެންނާނެކަމުގެ އިންޒާރުދީފައެވެ.
ސުރީ ލަންކާގައި ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެފައިވަނީ އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެ ޤައުމުގެ އިދިކޮޅު މައި ޕާޓީކަމަށްވާ ސަމާގީ ޖާނާ ބަލަވެގަޔާ، އެސްޖީބީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް އެ ޤައުމުގެ ސަރުކާރު ހިންގުން ޙަވާލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ގޮތަބަޔާވަނީ ވިދާޅުވެފައެވެ. އަދި އައު ސަރުކާރެއް އެކުލަވާލި ނަމަވެސް ދަޢުރު ނިމެންދެން ރައީސްގެ މަޤާމުގައި ގޮތަބަޔާ ހުންނަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.