މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން 169 މިލިއަން ރުފިޔާގެ ހަރުމުދަލުގެ ސައްޙަކަން ކަށަވަރުކޮށްފައި ނުވާކަމަށް 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގައި ވެސް ވަކި މަޢުލޫމާތުތަކެއް ފުރިހަމަކޮށްފައި ބަހައްޓަންޖެހެއެވެ.
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްގައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެން.ސީ.އައި.ޓީން ހޯދަފައިވާ ގިނަ އަދަދެއްގެ މައިކްރޯ ސޮފްޓް ލައިސެންސްތައް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާކަމަށް ބުނެފައެވެ. އަދި ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާ ބައެއް ހަރުމުދަލުގެ އަގު ހަރުމުދަލުގެ ރަޖިސްޓްރީން އެނގެން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. މި އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓަރުކަމުގައި ހުންނެވީ މުޙައްމަދު މަލީހު ޖަމާލެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުގައި އެ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމެނޭ "މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ ބަޔާން" ގައި، ހަރުމުދަލުގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަގު ކަމުގައިވާ ސަތޭކަ ފަސްދޮޅަސް ނުވަ މިލިއަން ދެހާސް ހަ ސަތޭކަ ފަންސާސް ހަތް މިލިއަންއަކީ އެ ތާރީޚުގެ ނިޔަލަށް އެމިނިސްޓްރީގެ މިލްކިއްޔާތުގައި ހިމެނޭ ހަރުމުދަލުގެ ސައްޙަ އަގުކަން ކަށަވަރުކުރެވެން ނެތްކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުޞޫލެއްގެ މަތިން ޗެކުކޮށް ސޮއިކުރުމަށް ލާޒިމްކޮށްފައި ވީނަމަވެސް އެކަންވެސް ކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެންކަމުން އޮޑިޓަރ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދާ ލިބުނު ތާރީޚާއި، މުދަލުގެ އަގާއި، މުދާ ހުރި ތަން އަދި މުދަލަށް ފަހުން އަންނަ ބަދަލު ރަޖިސްޓަރީގައި ހިމަނައިގެން ބެލެހެއްޓުމަށް ލަފާދެއްވާފައެވެ. އަދި އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކުކޮށް ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރުމަށްވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައެވެ.