ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ: މާޗުމަހު އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަ


މި އަހަރުގެ ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި، ހުށަހެޅި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެގިނަ މައްސަލަ ހުށަހަޅާފައިވަނީ މާޗުމަހުކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިފަދަ މައްސަލަތަކުގެތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ.

ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗްމަހު ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގެ ޢަދަދުވަނީ އިތުރުވެފައެވެ. މިހިސާބުތައް ދައްކާގޮތުން މާޗްމަހު އެކަނިވެސް ކުޑަކުދިންނަށްކުރާ އަނިޔާގެ 126 މައްސަލައެއް ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާގެ 106 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މާޗްމަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިބާވަތުގެ 126 މައްސަލައެވެ. މާޗް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 40 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 27 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައަކާއި އިހުމާލުވުމުގެ 26 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 3 މައްސަލައެއްގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރީގެ ފައިދާއަށް ކުދިން ބޭނުންކުރުމުގެ 3 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ކުދިންގެ އަޚުލާގާ ގުޅުންހުރި 9 މައްސަލައެއް މިދިޔަމަހުވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 7 މައްސަލައެއް އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ލިބިގެންވާ ހައްޤުތަކުން އެކުދިން މަޙްރޫމުކުރުމުގެ 6 މައްސަލައެއްވެސް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖުމްލަ 266 މައްސަލައެވެ. އޭގެ ތެރޭގައި އާއިލީ މައްސަލައިގެ 39 މައްސަލައަކާއި ގެވެށި އަނިޔާގެ 31 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާގުޅޭ 23 މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 28 މައްސަލައެއް ފާއިތުވީ މަހު ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 200 ކުއްޖަކު އެބަތިބިއެވެ.

މި އަދަދުތަކަށް އެކަނި ބަލާލުމުންވެސް ކުޑަކުދިންނަށްކުރާ އަނިޔާ އިތުރުވެފައިވާ މިންވަރު ހާމަވެގެންދެއެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިޤައުމުގެ ހުންގާނުގައި ހިފައި މި ޤައުމު ކުރިއަރުވަން ތިބޭނެ މީހުންނެވެ. އެކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންގެ މުސްތަގުބަލް ކުރިއެރުވުމަށް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.