މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ކުލަބު އީގަލްސް ބަލިކޮށް ސޮކަ މޭޓްސްއިން ލީގު ބުރު މޮޅަކާއެކު ނިންމާލައިފިއެވެ.
ކްލަބް އީގަލްސްގެ މައްޗަށް ސޮކަ މޭޓްސްއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސޮކަ މޭޓްސް އިން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައެވެ. ސޮކަ މޭޓްސްގެ ފުރަތަަމަ ލަނޑު ޖެހީ އިސްމާއިލް އަނިލް އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. އަދި ސޮކަ މޭޓްސްގެ ދެ ވަނަ ލަނޑު ޖެހީ އަހުމަދު އަފުރާދު (އަފޭ)އެވެ
މި މެޗާ އެކު ހަތް ޓީމު ކުޅޭ މި ފަހަރުގެ ވެޓެރަންސް ލީގުގެ ލީގު ބުރުގެ ކުޅުން ވަނީ ނިމިފައެވެ. ލީގު ބުރުގެ އެއްވަނަ އަށް ދިޔައީ ހުޅުމާލެ ވެޓެރަންސް އެވެ. އެއީ ދެ ވަނަ އަށް ދިޔަ ސޮކަ މޭޓްސްއާ އެއްވަރަށް 14 ޕޮއިންޓް ހޯދައިގެންނެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރާނީ ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސްއެވެ.
ތިން ވަނަ އަށް ދިޔައީ 10 ޕޮއިންޓް ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ. ހަތަރު ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބާއި ފަސް ވަނަ ހޯދި ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ވަނަ އަށް ދިޔަ އީގަލްސް އަށް ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. އެންމެ ފުލަށް ދިޔަ ޕޮލިސް ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.