27 އޭޕްރީލް 2022 ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއާއެކު މިހާތަނަށް 3638.3 ކިލޯގެ ގޮވާން ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑުލާއި، މޮޅު ހަނޑޫ އަދި އެންމެ މޮޅު ހަނޑުލުގެ އިތުރުން ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
* އާދައިގެ ހަނޑޫ- 372 މީހުން، 892.8 ކިލޯ
* ރަތް ހަނޑޫ- 11 މީހުން، 26.4 ކިލޯ
* ބާސްމަތީ ހަނޑޫ (އާދައިގެ) 258 މީހުން، 619.7 ކިލޯ
* ބާސްމަތީ ހަނޑޫ (މޮޅު) 310 މީހުން، 744 ކިލޯ
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 312 މީހުން، 748.8 ކިލޯ
* އާދައިގެ ފުށް – 44 މީހުން، 105.6 ކިލޯ
* އާޓާ ފުށް – 16 މީހުން، 38.4 ކިލޯ
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަމުންދާއިރު މިމަހުގެ 30ގެ ނިޔަލަށް މިފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 12:00 އާހަމައަށް، މެންދުރުފަހު 13:00 އިން ފެށިގެން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް 2.4 ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.