ކުޅިވަރު

ވިމްބަލްޑަން ތަށި ދިފާއުކުރުމުގެ ފުރުސަތު ޖޮކޮވިޗަށް ލިބިގެންދާނެ


އަހަރުގެ ދެވަނަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗަށް ލިބިގެންދާނެކަން ކަށަވަރުވެއްޖެއެވެ.

މިމުބާރާތުގައި ޖޮކޮވިޗްއަށް ކުޅެވޭނެކަން ކަށަވަރުވެގެންދިޔައީ ކޮރޯނާ ވައިރަސް ވެކްސިން ނުޖަހާ ކުޅުންތެރިންނަށްވެސް ކުޅެވޭނެކަން މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލަންޑް ލޯން ޓެނިސް ކްލަބްއިން ހާމަކުރުމާ އެކުއެވެ.

އެފަރާތުން ހާމަކުރިގޮތުގައި އިނގިރޭސިވިލާތަށް އެތެރެވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލްގެ ތެރޭގައި ވެކްސިން ޖަހާފައިވުން މަޖްބޫރު ކޮށްފައިނުވާކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ބާރު އެޅިނަމަވެސް ނުޖަހާ ފަރާތްތަކަށްވެސް އެތެރެވެވޭނެކަމަށެވެ.

ޖޯކޮވިޗް ވެކްސިން ޖަހާފައި ނުވުމުގެ ސަބަބުން އަހަރުގެ ފުރަތަމަ ގްރޭން ސްޅޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި އޭނާއަށް ވަނީ ވާދަކުރެވޭގޮތް ނުވެފައެވެ. އަދި ގިނަ މައްސަލަތަކެއް ކުރިމަތިވެގެންދިޔައެވެ. އަދި އެންމެފަހުން މައްސަލަ ނިމުނީ އޭނާ އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލައިގެންނެވެ.

މީގެ އިތުރުން އެމެރިކާއަށް ވަނުމުގައި އޮންނަ ކޮރޯނަ ވައިރަހުގެ އުސޫލްގެ ސަބަބުން އިންޑިއަން ވެލްސް އާއި މައޭމީގައި ބޭއްވި މުބާރާތުގައިވެސް ޖޯކޮވިޗްއަށް ވާދަކުރެވޭގޮތް ނުވިއެވެ. މިފަހަރުގެ ވިމްބަލްޑަން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 27 އިން ޖުލައި 10 އަށެވެ.