ކުޅިވަރު

ކޮމަންވެލްތު ގޭމްސްއިން ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމަށް ފުރުސަތެއް


މި އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުން ރާއްޖެއަށް ފުރުސަތު ދިނުމަށް ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީން ނިންމައިފިއެވެ.

މި އަހަރުގެ ގޭމްސް އޮންނާނީ އަންނަ ޖުލައި މަހުގެ 28 އިން އޮގަސްޓް 8 އަށް އިނގިރޭސިވިލާތުގެ ބާމިންހަމުގައެވެ.

އެންމެ ފުރަތަމަ މިދިޔަ މާޗު މަހު ސްރީ ލަންކާގައި ބޭއްވި ކޮމަންވެލްތު ކޮލިފައިންގައި ވާދަކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމާ) ގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އެކަމަކު ކޮލިފައިންގެ ދެވަނައަށް ދިއުމުން އެ ފަހަރު އެ ކުޅުންތެރިންނަށް ވަނީ ގޭމްސްއިން ފުރުސަތު ގެއްލިފައެވެ.

ނަމަވެސް އެފްއައިވީބީން އިއްޔެ އާންމުކުރި ބަޔާނުގައިވާ ގޮތުން ކޮމަންވެލްތު ގޭމްސްއިން އެކި ކްރައިޓީރިއާތަކުން ޖާގަ ބެހިފައިވާ ގޮތަށް ބަލާއިރު، އިންވިޓޭޝަން ފުރުސަތެއްގެ ގޮތުގައި ބީޗް ވޮލީބޯޅައިގެ ފިރިހެން ބައިން ރާއްޖެއަށް ފުރުސަތު ލިބިގެންދާނެއެވެ.

މި ގޮތަށް އިންވިޓޭޝަން ފުރުސަތު ދޭން ނިންމަނީ އެ ގައުމަކުން ބީޗް ވޮލީބޯޅައިގައި ކުރަމުން އަންނަ މަސައްކަތާއި، ރޭންކިންއަށް ބެލުމަށްފަހުއެވެ.

އެފްއައިވީބީން ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގެ ފުރުސަތެއް ތަނަވަސްކޮށްދިންއިރު، މިދިޔަ އަހަރު އެ އިދާރާގެ ރައީސް ޑރ. އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ވޮލީއަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މެދުކެނޑުމަކަށްފަހު މި އަހަރު ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާއިރު، ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޗެމްޕިއަން މޫސާ މުންސިފާއި އަންހެން ޓީޓީ ޓީމުވެސް ވަނީ ގޭމްސްއަށް ކޮލިފައިވެފައެވެ. މީގެ އިތުރުން، ބެޑްމިންޓަނާއި އެތުލެޓިކްސް އަދި ސްވިމިންއިންވެސް ރާއްޖޭގެ އެތުލީޓުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާނެއެވެ.