ކުޅިވަރު

އޭޝިއާ ބޮޑީބިލްޑިން މުބާރާތް ޖުލައި މަހު ރާއްޖޭގައި، ޓީމުގެ އަމާޒު ރަންވަނަތަކަށް


އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ރާއްޖޭގައި ބާއްވަން ތާވަލުކޮށްފިއެވެ.

މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 15 އިން 21 އަށް ކ. މާފުށީގައެވެ.

މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ކޮވިޑް-19 އާއެކު އެ ފަހަރު މުބާރާތް ނުބޭއްވުނީއެވެ.

އެ ފަހަރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މުބާރާތް ފަސްކުރަން ނިންމީ ކޮވިޑުގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.

މި މުބާރާތަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުވަމުން އަންނައިރު، މިހާރު ވަނީ ރާއްޖޭގެ ޓީމަށް ކޯޗަކުވެސް ހަމަޖައްސާފައެވެ. ބޮޑީބިލްޑިން ޓީމާ ހަވާލުވެފައިވަނީ 1999 ވަނަ އަހަރު އޭޝިއާގެ މިސްޓަ އޭޝިއާ ކާމިޔާބުކުރި ތަޖުރިބާކާރު ބޮޑީބިލްޑަރު ހޮންގް ވޮންގެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަރވިއުގައި ބޮޑީބިލްޑިންގ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށެވެ. އަދި މި މުބަރާތް ބޭއްވުމަށް ބިޑް ކުރިއިރުވެސް މާލެ ނޫންތާކު މުބާރާތް ބާއްވަން ވަޒީރު ބޭނުންވި ކަމަށާއި، އެގޮތުގެ މަތިން މުބާރާތް މާފުށީގައި ބާއްވަން ނިންމީ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ބޮޑީބިލްޑިން ގައުމީ ޓީމުގެ މެނޭޖަރު އިބްރާހީމް އަބްދުﷲ ވިދާޅުވީ، ރާއްޖޭގައި މުބާރާތް ބޭއްވުން އެއީ އެތުލީޓުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ވިދާޅުވީ މި މުބާރާތަށް ރާއްޖެއިން މެޑެއްޔަށް ޓާގެޓުކޮށްގެން ނުކުންނައިރު، އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުން ކުރިމަތީ މެޑެލް ހޯދަން ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.

މި މުބާރާތުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.