ޚަބަރު

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް ސަރުކާރު ޙަވާލުކުރަން ގޮތަބަޔާ ތައްޔާރު


ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް އެ ޤައުމުގެ ސަރުކާރު ހިންގުން ޙަވާލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުގެ ސަބަބުން ރުޅިގަދަވެފައިވާ ޢާއްމުން މެދުނުކެނޑި މުޒާހަރާކުރަމުންދާތާވަނީ ހަފުތާތަކެއްވެފައެވެ. ޢާއްމުން ހިތްހަމަޖެއްސުމަށް ސުރީ ލަންކާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން ބަދަލުކުރި ނަމަވެސް މުޒާހަރާތައް ހުއްޓާލައިފައެއް ނުވެއެވެ. ބަދަލުގައި ގޮތަބަޔާއާއި އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަ ސިޔާސީ ކަންކަމުން ދުރުވުމަށް ގޮވާލައި އަޑުތައްވަނީ ގަދަވެފައެވެ. އަދި ސުރީ ލަންކާގައި ޤައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް ގޮތަބަޔާއާއި މަހިންދަ ތަކުރާރުކޮށް ހުށަހެޅުއްވުމުންވެސް އިދިކޮޅު ޕާޓީތަކުން އެ ކަމަށް އެއްބަސްވެފައެއް ނުވެއެވެ. އެއާއެކު ގޮޔަބަޔާވަނީ 225 މެންބަރުންގެ މައްޗަށް އެކުލެވޭ ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ 113 ގޮނޑި ކަށަވަރުކޮށްފައިވާ ފަރާތަކާ ސަރުކާރު ހިންގުން ޙަވާލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އައު ސަރުކާރެއް އެކުލަވާލި ނަމަވެސް ދަޢުރު ނިމެންދެން ރައީސްގެ މަޤާމުގައި ގޮތަބަޔާ ހުންނަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. މަހިންދަ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތްޕުޅުގައެވެ. ނަމަވެސް އިދިކޮޅުންވަނީ އެ ކަން ދޮގުކޮށްފައެވެ.

ސުރީ ލަންކާގެ މައި އިދިކޮޅު ޕާޓީކަމަށްވާ ސަމާގީ ޖާނާ ބަލަވެގަޔާ، އެސްޖީބީންވަނީ އެ ޤައުމުގައި 1978ވަނަ އަހަރުން ޢަމަލުކުރަމުންދާ ރިޔާސީ ނިޒާމު އުވާލުމަށް ޤާނޫނުއަސާސީއަށް އިޞްލާހެއް ހުށަހަޅައިފައެވެ. ރާޖަޕަކްސަ ޢާއިލާއިން 2020ވަނަ އަހަރުގެ ޢާއްމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރުމަށްފަހުވަނީ ގޮތަބަޔާއަށް އިތުރު ރިޔާސީ ބާރުތަކެއް ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން އެ ޤައުމުގައި ބާރުގަދަ ރައީސެއް ބެހެއްޓުމަށް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެ ގޮތުން އެސްޖީބީން ހުށަހަޅާފައިވަނީ ރައީސްގެ ބާރުތައް ހަނިކޮށް އެ ޤައުމުގައި ދިމީޤްރާޠީ ހަމަތަކަށް ޢަމަލުކުރާ ސަރުކާރެއް އެކުލަވާލުމަށެވެ.