ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތަކުން ބޮޑު އަސަރެއްކުރަނީ އަފްޣާނިސްތާނުގެ އަންހެނުންނަށް


އެމެރިކާއިން އަފްޣާނިސްތާނަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން އެންމެ ބޮޑު އަސަރެއްކުރަނީ އެ ޤައުމުގެ އަންހެނުންނަށްކަމަށް އދން ބުނެފިއެވެ.

އދގެ ތަޖުރިބާކާރުން ފުރިހަމަކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ އެތައް ބިލިޔަން އެމެރިކާ ޑޮލަރަކާއި މުދަލެއް އެމެރިކާއިން ހިފެހެއްޓުމުން އެ ކަމުގެ ނޭދެވޭ އަސަރު އެ ޤައުމުގެ އަންހެނުންނަށް ކުރަމުންދާކަމަށެވެ. އެ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގައި ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި އަންހެންކުދިންނަށް ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމަށް އެ ފިޔަވަޅުތަކުން ހުރަސްއަޅާކަމަށާއި އެ ކަމުގެ ސަބަބުން އެ މީހުންގެ ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށެވެ. އަދި އެ ކަންބޮޑުވުންތައް އެމެރިކާގެ ސަރުކާރާ ޙިއްޞާކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށްވެސް އެ ތަޖުރިބާކާރުން ބުނެފައިވެއެވެ.

އދގެ ތަޖުރިބާކާރުން ނެރުނު ބަޔާނުގައި އަންހެނުންނާއި އަންހެންކުދިންނާމެދު އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން ގެންގުޅޭ ސިޔާސަތުތަކަށްވެސްވަނީ ފާޑުކިޔައިފައެވެ. އެ ގޮތުން އަންހެނުންނާއި އަންހެންކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޠާލިބާނުން އެއްވެސް މުޙިއްމުކަމެއް ދީފައިނުވާކަމަށާއި އަންހެންކުދިން ތިބީ ރަނގަޅު ތަޢުލީމަކުން މަޙުރޫމުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެ ޤައުމުގެ 9 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއިންވަނީ ހިފަހައްޓައިފައެވެ. އޭގެ ސަބަބުން އަފްޣާނިސްތާނަށްވަނީ ބޮޑު އިޤްތިޞާދީ އަދި އިންސާނީ ކާރިޘާއަކާ ކުރިމަތިލާންޖެހިފައެވެ. 39 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަފްޣާނިސްތާނުގައި ދިރިއުޅޭ 23 މިލިޔަން މީހުން ބަރޯސާވަނީ ބައިނަލްއަޤްވާމީ އިދާރާތަކުން ފޯރުކޮށްދޭ ކާބޯތަކެއްޗަށެވެ.