ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު ޔޫކްރެއިނަށް


ނުރައްކާތެރި ހަނގުރާމައިގެ ޙާލަތެއްގައި އޮތް ޔޫކްރެއިނަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިން ވަޑައިގެންފިއެވެ.

ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި އެ ޤައުމަށް އަލުން ޚާރިޖީ މުވައްޒަފުން ފޮނުވަންވަނީ ނިންމަވައި އެ ޤައުމަށް އައު ސަފީރެއް ޢައްޔަންކުރައްވާނެކަން ބުލިންކެންވަނީ އިޢުލާނުކުރައްވައިފައެވެ. އޭގެ އިތުރުން އެ ދަތުރުފުޅުގައި ބުލިންކެންނާއި އޮސްޓިންވަނީ ޔޫކްރެއިނާއި ސަރަޙައްދީ ޤައުމުތަކަށް އެހީގެ ގޮތުގައި 700 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަންވެސް އިޢުލާނުކުރައްވައިފައެވެ. އޭގެ ތެރެއިން 322 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވަނީ ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމުގެ ގޮތުގައެވެ. އެއާއެކު ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ އެހީތެރިކަމުގެ ޖުމުލަ އަގުވަނީ 3.7 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ ސަލާމަތީ ޙާލަތު ރަނގަޅުކުރުމަށް އިތުރު 400 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމާފައިވެއެވެ.

ކިޔޭވުގައި އެމެރިކާގެ އިސް ދެ ވަޒީރަކާ ބައްދަލުކުރެއްވިކަން އިޢުލާންކުރައްވާފައިވަނީ ޒެލެންސްކީއެވެ. 90 މިނެޓަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމުގައި ބައެއް ތަފުޞީލުތައް ދެ ޤައުމުންވެސްވަނީ ސިއްރުކޮށްފައެވެ.