އިޓާލިއަން ލީގުގައި އޭސީ މިލާނާއި ލާޒިއޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަނެއްކާވެސް މިލާން އަރައިފިއެވެ.
ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާން އިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ލާޒިއޯގެއެވެ. މިގޮތުން މެޗްގެ 4 ވަނަ މިނެޓްގައި ލާޒިއޯގެ ސީރޯ އިމޮބިލޭވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިއީ މިފަހަރުގެ ސީޒަންގައި އިމޮބިލޭ ކާމިޔާބުކުރި 26 ވަނަ ލަނޑެވެ. ގިނަ އަހަރު ތަކަކަށްފަހު ލީގު ކާމިޔާބު ކުރަން ބޭނުންނަމަ މޮޅުވުން ކޮންމެހެން މުހިންމު މިމެޗްގައި އެޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 50 ވަނަ މިނެޓްގައި އޮލިވަރ ޖިރޫއެވެ. މިއީ ސެރީއާގައި މިލާނަށް ޖިރޫ ކާމިޔާބުކޮށްދިން 9 ވަނަ ލަނޑެވެ. އަދި މިމެޗުން މިލާން މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޒްލަޓާން އިބްރަހިމޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ސަންޑްރޯ ޓޮނާލީއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިކަން ފާހަގަ ކޮށްލެވެއެވެ.
މިކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 74 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަނެއްކާވެސް އަރާފައެވެ. ނަމަވެސް މިލާން މިވަނީ ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށްވުރެ އެއްމެޗް އިތުރަށް ކުޅެފައެވެ. އިންޓަރ އަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. ތިންވަނައިގާ އުޅޭ ނަޕޯލީވަނީ އެމްޕޯލީ އާއި ރޭ ބައްދަލުކުރިމެޗުން 3 ލަނޑު 2 ލަނޑުން ބަލިވެފައެވެ. ރޭގެ މެޗުން ބަލިވި ލާޒިއޯ މިހާރު އުޅެނީ 56 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.