ކުޅިވަރު

ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބާސާ އަމިއްލަ ދަނޑުގައި ބަލިވެއްޖެ


ސްޕެނިޝް ލީގުގައި ބާސެލޯނާ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަމިއްލަ ދަނޑު ކަމަށްވާ ކޭމްޕް ނޫ ގައި ބަލިވެއްޖެއެވެ.

ބާސާ އެންމެފަހުން ބަލިވެފައިމިވަނީ ރަޔޯ ވަޔެކާނޯ އާއި ރޭ ބައްދަލުކުރިމެޗުންނެވެ. މިމެޗް ވަޔެކާނޯ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ނަމަވެސް ގިނަ ހަމަލާތަކެއް އުފައްދާ މުޅި މެޗް ހެން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ބާރސާއަށް ވަޔެކާނޯގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ވަޔެކާނޯއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހާދިނީ އަލްވާރޯ ގާސިއާއެވެ. މިލަނޑައެކު ބާރސާއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިނާކާމިޔާބީއާއެކު ބާސާ މިވަނީ އެއް ސީޒަނެއްގައި ޖެހިޖެހިގެން ތިން މެޗުން އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި މިއީ ބާރސާގެ ތާރީހްގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. ބާރސާވަނީ ޔޫރޮޕާ ލީގުގެ ކްއާތަރ ފައިނަލްގައި އެއިންޓްރެކްޓް ފްރޭންކްފަރޓް އަތުންނާއި މިދިޔަ ހޯމަދުވަހު ލަލީގާގައި ކަޑީޒްއަތުންވެސް ބަލިވެފައެވެ. މީގެކުރިން މިގޮތަށް ތިން މެޗުން ބަލިވެފައިވަނީ 1997-1998 ވަނަ އަހަރުގެ ސީޒަން ނިމުންކޮޅާއި 1998-1999ވަނަ އަހަރުގެ ސީޒަންގެ ކުރީކޮޅު ލުއި ވެން ގާލްގެ ކޯޗްކަމުގެ ދަށުގައެވެ. މިމެޗުން މޮޅުވެއްޖެ ނަމަ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލިގުގެ ޖާގައެއް ކަށަވަރު ވާން އޮތް ނަމަވެސް މިނާކާމިޔާބީއާއެކު މިވަނީ އެންމެފަހުން ކުޅުނު ހަ މެޗްގެ ތެރެއިން ހަތަރު މެޗުން ބަލިވެފައެވެ.

ތާވަލްގެ އެއްވަނައިގާ އުޅޭ ރެއާލް މެޑްރިޑަށް މިހާރު ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެހެން ކަމުން މިއަންނަ ހޮނިހިރު ދުވަހު އެސްޕަންޔޯލްއާއި ބައްދަލުކުރާ މެޗުން ބަލިނުވެ ފަރު ޖައްސާލައިފި ނަމަ ރެއާލް އަށް ސްޕެނިޗް ލަލީލާގެ ތަށި 35 ވަނަ ފަހަރަށް އުފުލާލުމުގެ ޝަރަފް ލިބިގެންދާނެއެވެ. އަދި މިއީ ސްޕެއިންގެ ރިކޯޑެކެވެ. އަދި ކާމިޔާބީއާއެކު ވަޔެކާނޯ އުޅެނީ 40 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.