ކަނޑުމަހުގެ ސްޓޮކް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝިދު ހަސަން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝިދު ހަސަން މިހެން ވިދާޅުވީ، ޖީ-16 އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސްގެ 32 ވަނަ ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޖީ-16 އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސްގެ 32 ވަނަ ޖަލްސާ ބާއްވާފައިވަނީ ހޮޓެލް ޖެންގައެވެ. މި ޖަލްސާ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ 26 ވަނަ ޖަލްސާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ޕްރޮޕޯސަލްތަކާއި ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމެވެ. އަދި ޖީ-16 ގްރޫޕްގެ ތެރެއިން އެއް ވިސްނުމެއްގެ އައްސޭރިފަށުގެ ގައުމުތަކުގެ އެއްބާރުލުން ހޯދުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ކަނޑުމަހުގެ އާބާދީ ނެތިގެންދާތަން ބަލަން ރާއްޖެއިން ނުތިބޭނެކަމަށެވެ. ސަބަބަކީ ރާއްޖޭގެ ތާރީހާއި، ދިރިއުޅުމާއި، އަދި ކަނޑުމަހަށް ދިވެހިން ބަރޯސާވެފައިވާ މިންވަރު އިތުރުވެފައިވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
@MoFMRAmv is hosting the 32nd Session of the G16. At the Opening Ceremony held today, Minister @DrHussainHassan highlighted the collective inaction of the IOTC with regards to overfished stocks. He urged members to act now and to expedite the formalisation of the G16. pic.twitter.com/XURT84rime
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 25, 2022
ކަނޑުމަހުގެ ސްޓޮކްއަށް ނުބަލާ ކަނޑުމަސް ބާނާނަމަ ދުނިޔެއިން ކަނޑުމަހުގެ ސްޓޮކް ހުސްވެދާނެކަމުގެ ބިރު ހީވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ފިޔަވަޅު ނެގުމަކީ ރާއްޖެއިން ކުރަންޖެހޭކަމެއްކަން ބަލައިގަނެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޑިއާ ކަނޑުން ހިފާ ރީނދޫ އުރަހަ ކަންނެލި އެމެރިކާއާއި ކެނެޑާއަށް މިހާރު އެކްސްޕޯޓް ނުކުރެވޭކަމުގެ ކަންބޮޑުވުން މިނިސްޓަރ ވަނީ ފާޅުކުރައްވާފައެވެ. ސަބަބަކީ ބައެއް އެންޖީއޯތަކުން ސްޓޮކް މަދުވާކަމުގެ ކަންބޮޑުވުމާއެކު އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ގަތުން ހުއްޓާލާފައިވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއިން އެކަނި ހައްލު ކުރެވޭނެކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޖީ-16 އިންޑިއަން އޯޝަން ކޯސްޓަލް ސްޓޭޓްސްގެ 32 ވަނަ ޖަލްސާގައި 15 ގައުމެއްގެ މަތީ ފަންތީގެ 28 ޑެލިގޭޓުން ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން ބައިވެރިވެވަޑައިގަންނަވާ ޑެލިގޭޓުންގެ ތެރޭގައި މޯރިޝަސްގެ ފަރާތުން އދ.އަށް ހަމަޖައްސަވާފައިވާ ޕާމެނެންޓް ރެޕްރެޒެންޓޭޓިވް ހިމެނިވަޑައިގަންނަވައެވެ. އަދި ބައެއް ޤައުމުތަކުން އޮންލައިންކޮށްވެސް މި ބައްދަލުވުމުގައި ބައިވެރިވެއެވެ.