އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކްލަބް އީގަލްސްއިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކުޅެމުން އަންނައިރު އީގަލްސްއިން މި ބުރުގެ އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެއާއެކު ލީގު ތާވަލުގެ ދެވަނައިގައި އީގަލްސް އޮތީ އެއްވަނައިގައި އޮތް މާޒިޔާއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. މާޒިޔާއަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު އީގަލްސްއަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
މެޗު ފަށައިގެން އީގަލްސްއިން ވަނީ ސަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އީގަލްސްގެ މިޑްފިލްޑަރު އަބްދުﷲ ސަމީހު މޫސާ (ސަމުއްޓެ) ފޮނުވާލި ނުރައްކާތެރި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކު) ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ޒައިން ޒަފަރުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ހަސަން (އައްމަޑޭ)އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ލަނޑު ޖެހި ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ. އޭގެ ފަހުން ވެސް އީގަލްސްއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ)އެވެ.
ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހާ އަލުން ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންމައެވެ.
ދެވަނަ ހާފުގައި ލީޑު ފުޅާކުރަންވެސް އީގަލްސްގެ ކުޅުންތެރިންނަށް ވަނީ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ)އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭގެ ފަހުން އައްމަޑޭއަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗަށްފަހު ލީގުގައި 10 ދުވަހުގެ ބްރޭކެއް ނަގާނެއެވެ.