ކުޅިވަރު

މެޑެއްޔަށް ވާސިލުވުމަށް ސަޕޯޓަރުންގެ އެހީ ބޭނުންވޭ: މަޚްލޫފް


ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު އަންނަ މަހު ރާއްޖޭގައި ބާއްވާއިރު މެޑައްޔަށް ކުރެވޭ އުންމީދު ބޮޑު ކަމަށާއި، އެހެން ނަމަވެސް މެޑައްޔަށް ވާސިލުވެވޭނީ ސަޕޯޓަރުންގެ އެހީއާއެކު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ރާއްޖޭގައި ބާއްވާއިރު، ސަޕޯޓަރުންގެ ސަޕޯޓު ދިވެހި ކުޅުންތެރިންނަށް ބޭނުންވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ ފޯރި ގެނައުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބޭއްވިއިރު ފެނިގެންދިޔަ ސަޕޯޓު ޓީޓީއަށް ވެސް ބޭނުންވާ ކަމަށެވެ. އަދި ޓީޓީގެ ޒުވާން ކުޅުންތެރިންނަކީ މީގެ ކުރިންވެސް ގައުމަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންކަމުން މި މުބާރާތުގައިވެސް އެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ދިވެހި ސަޕޯޓަރުން ފާތިމަތު ދީމާ އަލީ އަދި އާއިޝަތު ރަފާ ނާޒިމް ރާއްޖެއަށް ހޯދައިދިން ވަނަތަކުގެ އަގުވަޒަން ކުރަން ލިބިގެންދާނެ ފުރުސަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް މިވަގުތުވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރިޕްލައި ބަލޭނެ ލެޑް ސްކްރީން ބެހެއްޓުމާއި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ހޫނުވުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މުބާރާތް ބޭއްވިގެންދާއިރު މި މުބާރާތަކީ އިންތިޒާމުތަކުގެ ގޮތުން ބެލިކަމުގައިވިޔަސް ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން މުބާރާތުގެ ލޯގޯ ލޯންޗުކުރުމުން އެކަމަށް ބޭރުގެ ފަރާތްތަކުން ވަނީ ތައުރީފުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ، މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދަނީ ސީދާ ކުޅިވަރާ ބެހޭ ވަޒީރުގެ އިސްނެންގެވުމާއެކުގައި ކަމަށެވެ. އަދި މުބާރާތުގެ ކަންކަން ކުޅިވަރާ ބެހޭ ވަޒީރު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެހެންކަމުން ކުޅިވަރާ ބެހޭ ވުޒާރާ އަދި ސަރުކާރަށް ޝުކުރުއަދާ ކުރައްވާ ކަމަށް އައްޔަ ވިދާޅުވިއެވެ.

އައްޔަ ވިދާޅުވީ ރާއްޖޭގެ ޖޫނިއާ އަންހެން ޓީމުން މި މުބާރާތައް ނުކުންނަނީ ސީދާ މެޑެއްޔަށް ޓާގެޓުކޮށްގެން ކަމަށާއި، އެހެންނަމަވެސް ފިރިހެން ޓީމު މެޑެއްޔަށް ވާސިލުވުމަށް އަދި ދެ އަހަރެއްވަރު ނަގާނެ ކަމަށެވެ.

މި މުބާރާތައް ރާއްޖޭގެ ޓީޓީ ޓީމު ތައްޔާރުވަމުން އަންނައިރު، ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.