ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ހުށަހަޅައިފި


އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 28 މިލިއަން ރުފިޔާ ބެހުމަށެވެ.

އެމްޓީސީސީން މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 3 ރުފިޔާއެވެ.

މިމަހުގެ 18ގެ ނިޔަލަށް އެކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިދިޔަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައިވެސް އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. އެގޮތުން 2021ވަނަ އަހަރު އެމްޓީސީސީން 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް، ޓެކުހަށް ކެނޑުމުގެކުރިން ލިބިފައިފާ ފައިދާ އުޅެނީ 264.45 މިލިއަނުގައެވެ. 2020ވަނަ އަހަރު އެމްޓީސީސީން ކޮށްފައިވަނީ 1.36 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވާ ފައިދާއަކީ 220.75 މިލިއަނެވެ.

ސަރުކާރުގެ ތަރައްޤީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުން އަންނައިރު، އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މިއަހަަރަކީވެސް ރެކޯޑް ފައިދާއެއް ލިބޭނެ އަހަރެކެވެ.